twitterviber whatsapp telegramfacebookyoutube instagram
28th March 2024

57 ސިލިންޑާގެ ޗެމްޕިއަންކަން ޑެޑާއި ޖޫލީ ހޯދައިފި

މުޙައްމަދު އަހުމަދު
Dec 30, 2022

މިހާރު ކުރިއަށްދާ ކުޅުދުއްފުށީ ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕްގެ 57 ސިލިންޑާ އިވެންޓްގެ ޗެމްޕިއަންކަން އަހްމަދު ރަޝީދު (ޑެޑް) އަދި އަންހެން 57 ސިލިންޑާގެ ޗެމްޕިއަންކަން ޖުވައިރިޔާ މުހައްމަދު (ޖޫލީ) ހޯދައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން ކުރިއަށް ގެންދާ ދެދުވަހުގެ ޑްރެގް ރޭހުގެ 57 ސިލިންޑާގެ އަންހެން އަދި ފިރިހެން އިވެންޓް ވަނީ މިއަދު ބާއްވާފަ އެވެ.

ފިރިހެން އިވެންޓްގެ ޗެމްޕިއަންކަން ފައިނަލުގައި އޮރި މޮޓޯސްގެ މުހައްމަދު އާދަމް (ސެޓޭ) ބަލިކޮށް ހޯދައިފައިވަނީ އަހްމަދު ރަޝީދު (ޑެޑް) އެވެ. ޑެޑް މިމުބާރާތުގައި ވާދަކުރަނީ އިންޑިވިޖުއަލްކޮށެވެ. ޑެޑް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި އައްސަދު ހަސަން (އެސްޑީ) ބަލިކޮށެވެ.

ސެޓޭ ފައިނަލަށް ދަތުރުކުރީ ސެމީގައި އަލީ އަނަސް އަހްމަދު ބަލިކޮށެވެ. 3 ވަނަ ހޮވި މެޗުގައި ވާދަކޮށްފައިވަނީ އަނަސްއާއި އެސްޑީ އެވެ. މިރޭސް ކާމިޔާބުކޮށް 57 ސިލިންޑާގެ 3 ވަނަ ހޯދީ އެސްޑީ އެވެ. ފައިނަލް ރޭހުގައި ޑެޑް ވަނީ ސީދާ ދެ ރޭހުން ސެޓޭ ބަލިކޮށް 57 ސިލިންޑާ އިވެންޓް ކާމިޔާބުކޮށްފަ އެވެ.

އަންހެން އިވެންޓްގެ ފައިނަލުން އޮރި މޮޓޯސްގެ ޖޫލީ މޮޅުވީ ބީސްޓް ކްރޫ ސަމާއާ ވާދަކޮށް ގަދަ ހިފުމަކަށް ގޮސްގެންނެވެ. ފުރަތަމަ ރޭސް ސަމާ ކާމިޔާބުކުރިއިރު 2 ވަނަ ރޭސް ކާމިޔާބުކުރީ ޖޫލީ އެވެ. އަދި ފޯރިގަދަ 3 ވަނަ ރައުންޑް ކާމިޔާބުކޮށް ޖޫލީ އިވެންޓް ކާމިޔާބުކުރި އެވެ. މި އިވެންޓްގެ ފައިނަލަށް ޖޫލީ ދަތުރުކުރީ ޕްރޮޖެކްޓް ބީގެ އީނާޝް މުހައްމަދު (އީން) ބަލިކޮށްގެންނެވެ.

އަދި ސަމާ ފައިނަލަށް ދަތުރުކުރީ ދޮން އިބްރާހިމް ރޭސިންގެ މަރިޔަމް މަނާލް އައްޔޫބް (މަލާން) ބަލިކޮށްގެންނެވެ. މިއިވެންޓްގެ 3 ވަނަ ހޯދީ 3 ވަނަ ހޮވި ރޭހުގައި އީން ބަލިކޮށް މަލާން އެވެ.

މާދަމާ ހެނދުނުން ފެށިގެން މުބާރާތުގެ ދެން ހުރި އިވެންޓްތައް ވެސް ކުޅުދުއްފުށީ އަމީނީ މަގުގައި ކުރިއަށްދާނެ އެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 72 ރައިޑަރުން ވާދަކުރާއިރު މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޑްރެގް އިވެންޓްކަން ވެސް ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355