ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްގެ ތާއީދު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ނިންމައިފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ އިތުރަށް ދެން ވާދަކުރައްވަނީ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މޭޔަރު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު ރައީސަކަށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ތިން އަހަރާއި ރައީސް ސޯލިހު އިސްވެ ހުންނެވި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި މި ހިނގައި ދިޔަ ހަތަރު އަހަރު ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
"ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްޤީއަކާއި ހެޔޮބަދަލެއް ގެނެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގަ، އަދި ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްޤީއަކަށް ފެންބޮވައިގެންފަ." އާތިފް ލިޔުއްވާފައިވެ އެވެ.
މެންބަރު ޔާސިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އޭނާ މެންބަރަކަށް ހުންނެވި ހަތަރު އަހަރުގެ މުއްދަތުގައި ރައީސް ސޯލިހުގެ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުމެއް ދީފައިވީ ނަމަވެސް އެމަނިކުފާނުގެ ފަރާތުން ކުޅުދުއްފުއްޓަށް ފެނުނީ "ގަޔަށް ދޫ" ސިޔާސަތުތަކެއް ކަމަށެވެ.
"އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023 ގައި ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށް ނިންމައިފިން." ޔާސިރު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ޕާޓީގެ އެތެރޭގައި ފޯރި ވަނީ ހިއްޕާލައިފަ އެވެ. ނަޝީދު އަދި ރައީސް ސޯލިހު ވެސް ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުކުރައްވަމުންނެވެ. ނަޝީދު މިދިޔަ ހަފުތާ ބަންދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު ރައީސް ސޯލިހު އަދި ވަޑައިނުގަންނަވަ އެވެ.