twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނަނާހުވަފެން ދެއްކި ކައުންސިލް ނިޒާމެއް ނުފެނުން

Jan 8, 2023
4

ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ވަރަށް ގިނައިން އިވުނު ލަވައެކެވެ. ނައިފަރު ދޮހޮއްކޮބެ ކިޔާފައި ނަނާ ހުވަފެން ދުށީމެވެ. ވަރަށް ވެސް ފައްސި ވިސްނުމެއްގައި ބުނެދިން ވާހަކަތަކެކެވެ. މި ރާއްޖެ ހިންގާނެ ގޮތުގެ ރީތި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ހިނގާށެވެ. އެ ކަން ކުރަން އެމްޑީޕީއަށް ބާރުތައް ދޭށެވެ.

މިހާރު ސަރުކާރުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެކެވެ. ކައުންސިލްތައް ވެސް އެމްޑީޕީއަށެވެ. މާލެ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އެމްޑީޕީއަށެވެ. ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށެވެ. ކައުންސިލްތައް ބާރުގަދަވެ، ކައުންސިލްތަކުން އަމިއްލައަށް ރަށުގައި ޕްރޮޖެކްޓްތައް ހިންގާ ފެންވަރު ކުރުމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސް ލީޑަރަކަށް ހުންނެވިޔަސް މުގުލުގައި ހުންނެވި ބޭފުޅަކީ އޭރު ވެސް ރައީސް މުހައްމަދު ނަޝީދެވެ. ގޭގެއަށް ހިންގެވީ ނަޝީދެވެ. މީހުންގެ ނުރުހުމާ ކުރިމަތިލީ އެމަނިކުފާނެވެ. ރައީސް ސޯލިހުގެ ސަރުކާރު ލަސް ކަމަށް އާންމުން ދެކޭތީ، އެ ވިސްނުން ބަދަލުކުރުމަށެވެ.

އެމްޑީޕީގެ ވިސްނުމަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީގެން ރަށްރަށް ތަރައްގީކުރުން ކަމަށް ވާތީ، ސަރުކާރުގެ ދުވެލި ހަލުވި ވާނީ ކައުންސިލްތައް އާ ނިޒާމަކާ އެކު ތަރުތީބުވެގެން ކަމަށް، ރައްޔިތުންނަށް ނަޝީދު ވިސްނައިދެއްވި އެވެ. އެ ވިސްނުމަށް ރައްޔިތުންގެ ރުހުން، ކައުންސިލް އިންތިހާބުން އޮތީ ދީފަ އެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ނަޝީދު އޭރު ގެންދެވީ އެމްޑީޕީގެ އެ ވިސްނުން ރައްޔިތުންނަށް ކިޔައިދެއްވަމުންނެވެ. "ނަނާ ހުވަފެން" ދައްކުވައިދެއްވަމުންނެވެ. ކައުންސިލްތަކުގެ ޕްރޮޖެކްޓްތައް ހިންގާނެ ގޮތެވެ. އަތޮޅުގައި އަމިއްލަ ކުންފުނިތައް އުފައްދާނެ ގޮތެވެ. އެ ކުންފުނިތައް މެދުވެރިކޮށް އުމްރާނީ ބިނާތައް ހަދާނެ ގޮތެވެ. ތަރައްގީގެ މަޝްރޫއުތަކުން އަތޮޅު ތެރެއަށް ފައިސާ ގެނެ، ފައިސާ ދައުރު ކުރާނެ ގޮތެވެ. އެއާއެކީ ދެން މައި ސަރުކާރަކަށް ބަރޯސާވާކަށް ނުޖެހެ އެވެ. ކައުންސިލްތަކާއި ރަށުގެ ކުންފުނިތަކުން ރަށް ހިންގާނެ އެވެ.

މާޒީން މިސާލުތަކެއް ވެސް ނަޝީދު ދެއްކެވި އެވެ. މީގެ ކުރީގައި ރަށްރަށުގައި ކަރަންޓު ގުޅާފައި ވަނީ ވެސް ރަށު މީހުން ނުކުމެ އެވެ. މާލެ ފިޔަވައި، ސަރުކާރުން ގާއިމްކޮށްދިން ނަރުދަމާއެއް ނެތެވެ. އެކަމަކު އޭދަފުށި، ނައިފަރު ފަދަ ރަށްރަށުގައި އަމިއްލަ މީހުން ގާއިމްކުރި ނަރުދަމާއެއް އޮތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ރަށްރަށުން އެކި ސާމާނާއި މީހުން ގެންގޮސްގެން ކުރި މަސައްކަތެކެވެ.

"މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑަށް ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހުނަކީ ކެލާ މީހުން، މި ތަނުގައި މަދަރުސާގައި ހަދާ ހޯލެއް ވެސް ހެދުން ބުއްދިވެރިވާނީ މި ރަށު މީހުން، މި ރަށު މީހުން ވެގެން ހަދާ ކޮންސްޓްރަކްޝަން ކުންފުންޏަކުން އެ މަސައްކަތްތައް ކުރެވޭނެ،" ކައުންސިލް ކެމްޕޭނަށް ހއ. ކެލައަށް ވަޑައިގެން ނަޝީދު ދެއްކެވި ވާހަކަފުޅުގައިވެ އެވެ.

ވިހިވިހި އަދި ވިހިއެކާވީސް އަހަރު ތެރޭގައި ކައުންސިލް ކެމްޕޭންގައި ދެއްކެވި ވާހަކަތަކަށް ފަހު، އަހަރަކަށް ވުރެ ގިނަ ދުވަސް ފަސްދިނީ އެވެ. ވިހިބާވީސް ނިމި، ވިހިތޭވީސް ފެށިއްޖެ އެވެ. ރަށްރަށަށްވުރެ ސިޓީތަކުގެ ހާލަތު މީގައި އަދި ގޯހެވެ.

ގަވާއިދުގައި، ކައުންސިލަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރަން އޮތް ހުއްދަ ވެސް މިވީހާ ދުވަހު ދޫކުރީ އެންމެ ރަށަކަށެވެ. އއ. ތޮއްޑޫއަށެވެ. އިކޮނޮމިކް މިނިސްޓްރީގައި އަދިވެސް އޭގެ ކިތަންމެ ހުއްދައެއް ތާށިވެފައި އެބަ އޮތެވެ. މާލެ ސިޓީއަކީ އެންމެ ބޮޑު އާބާދީއަށް ވެފައި، އެ ސިޓީގެ ކައުންސިލަށް ވެސް އަދިއަދަށް ހުއްދަ ލިބިފައެއް ނެތެވެ.

ވެރިކަން ބޭނުންވެފައި ހުންނެވި ނަޝީދު ފުރުސަތުގެ ބޭނުން ކުރައްވައި، ރައީސް ސޯލިހާ ވާދައަށް އެ ހުންނެވީ ނުކުމެވަޑައިގެނެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން ވެސް ދެއްކެވީ މި ރަށުގައި އަޅާފައި ހުރި ފްލެޓްތަކުގެ ކުލި އެޗްޑީސީއަށް ލިބޭ ކަމެވެ. ކައުންސިލަކަށް ނުލިބެ އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި، އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތަކަށް އެފަދަ އާމްދަނީ ލިބޭނެ ގޮތް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި އެ ރަށެއްގައި ކައުންސިލްތަކުން ފްލެޓް އެޅުމެވެ. އެ ފެންވަރަށް ކައުންސިލްތައް ތަރައްގީ ކުރުމެވެ.

"އަޅުގަނޑު މިއަދު އައިސް ބަލައިލީމާ މީގެ ކުލި ލިބެމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް، މިއީ އެ ކުންފުނީގެ އިސްވެންޓްމަންޓެއް ނޫން، މިއީ ތިލަދުންމަތީގެ އިންވެސްޓްމަންޓެއް،" ކުޅުދުއްފުށީގައި، އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ހުންނެވި ނަޝީދު އަނެއްކާ ވެސް އުންމީދެއް ދެއްވާން މަސައްކަތް ކުރެއްވި އެވެ. އެމަނިކުފާނު ވެރިއަކަށް ހުންނަވާ ގޮތަށް އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަށެވެ. އެ ސަރުކާރުގައި އެމްޑީޕީގެ ސިޔާސަތުތައް "ހަގީގީ މާނައެއްގައި" ތަންފީޒުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން، ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީ ސަރުކާރެއްގައި ކައުންސިލަށް މި ފައިސާ ލިބި، ކައުންސިލުން ކުރިއަށް އޮތް ތަނުގައި ފްލެޓްތައް އެޅޭނެ އިންތިޒާމެއް އެމްޑީޕީން އިރާދަކުރެއްވިއްޔާ ކުޅުދުއްފުށި ރައްޔިތުންނަށް ހޯދައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ބާރުތައް ރަށްރަށަށް ދޫކޮށްލާން ތައްޔާރަށް ތިބި ކަމަކަށް ނުބެލެވެ އެވެ. އެ ރަށެއް ނުވަތަ، އަތޮޅެއްގެ ސަރަހައްދުން އެއްކުރާ ޓެކްސް އާމްދަނީން ބައެއް ވެސް އެ ސަރަހައްދަކަށް ނުލިބެ އެވެ. މާލީ ގޮތުންނާއި ބަޖެޓްގެ ގޮތުން އަދިވެސް ލާމަރުކަޒުކުރުމުގެ ވިސްނުމެއް ނެތެވެ. ސަރުކާރުގެ ކޮންމެ ބަޖެޓެއް ވެސް އޮންނަނީ މާލެއަށް ބުރަވެފަ އެވެ. ނަޝީދު އަނެއްކާ ވެސް ނަނާ ހުވަފެން ދެއްކިޔަސް، ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355