twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފެއްޓެވުމަށް ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ

ނަބީލާ އިސްމާޢީލް
Jan 15, 2023
4

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް، ފިރާގު މުހައްމަދު ވިދާޅުވީ ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހު ކަމަށާއި ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ ރޭ އެއާޕޯޓްގައި ކަމަށެވެ.

ފިރާގު ވިދާޅުވީ މި ރަސްމިއްޔާތަށް އެ ރަށުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ރަށުގެ ބަނދަރު މަގުތަކާއި ރަށުތެރޭގެ އިތުރުން އެއާޕޯޓް ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ރަށުގެ ހުރިހާ ރައްޔިތުންނާއި ހުރިހާ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް މާބޮޑި ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް މުއައްސަސާތަކުން ކުރިއަށްގެންދާކަމަށް ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ރައްޔިތުންނާ ގުޅިގެން ރަށުތެރެ ސާފުކުރުމާއި، ރަށް ޒީނަތްތެރިކުރުމަށް ބައެއް ސަރަހައްދުތަކުގައި އެއާޕޯޓް ކޮމްޕެނީގެ ލިޔުންތައް ހަރުކުރުމާއި ގިޑިގެ ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަގާފީ ހަރަކާތެއް ކުރިއަށްގެންދިއުމަށްވެސް ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިޔާތަށް ހަނިމާދޫގެ އިތުރުން ކައިރި ރަށްރަށުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ހަނިމާދޫ ކައުންސިލުން ވަނީ ހާއްސަ ޝުކުރެއް އަދާކުރެ އެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި އެއާޕޯޓްގައި ގާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.

އޭރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355