twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެރިން ރަށަށް އައުމުން މަރުހަބާ ކިޔަންވީ މިހެން ...

Jan 27, 2023
3

ދިވެހީންނަކީ މެހެމާންދާރީގެ ކުލުނު އޮތް ބަޔެކެވެ. ރަށަށް މެހެމާނަކު އައިސްފިނަމަ، އޭނާ އެކަނިވެރިވުމުގެ އިހުސާސްވިޔަކަ ނުދޭނެ އެވެ. ރަށަށް ސަރުކާރުގެ އިސް ވެރިޔަކު، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާއިރު ވެސް ވީހާ ވެސް ހޫނު އަދި ތަފާތު މަރުހަބާއެއް ކިޔުމަށް މަސައްކަތް ކުރާނެ އެވެ. މާބޮޑިތަކާއި މާފަތިތައް އަޅުވާނެ އެވެ. ރަތްދޫލައެއް ތައްޔާރުކޮށްފައި ބާއްވަފާނެ އެވެ. ގިޑިގެއާއި އުނދޯލި ހަދަ އެވެ. ހުރިހާ އުމުރުފުރައެއް ބަނދަރު ސަރަހައްދަށް ނުކުމެ ތިބޭނެ އެވެ.

މި ފަހުން އައިސް ނެށުމުގެ ހަރަކާތްތައް ވެސް ބާއްވަ އެވެ. ބޮޑުބެރާއި މިއުޒިކް ކުޅުން ވެސް އޮވެ އެވެ. ހެނދުނުގެ ތާޒާކަން މަތީތޯ، ހަވީރުގެ ފިނި ޖެހުނު ވަގުތުތޯ، ނޫނީ މެންދުރުގެ ގަދައަވިތޯ ވެސް ބެލުމެއް ނެތި އެވެ. މި ހުށަހެޅުންތަކުގައި، އެ ރައީސަކު ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރެ އެވެ. ބައެއް ފަހަރު ސަނާ ވެސް ކިޔަ އެވެ. ރައީސަކު ކޮށްދިން ހިދުމަތްތައް ފާހަގަކޮށް ބެނާތައް ވެސް ދަމާފައި ހުރެދާނެ އެވެ.

މި ފެންވަރުގައި ރައީސުންނާއި ވެރިންނާއި ވަޒީރުންނަށް މަރުހަބާ ދަންނަވާއިރު، ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ އިންތިހާބުތަކާ ދިމާކޮށް ރައީސް ކެމްޕޭނަށް، ތާއީދު ހޯދުމަށް އަންނައިރު އެ ރަށަކަށް އަދި ދިވެހިންނަށް ޖުމުލަ ގޮތެއްގައި ކޮށްދޭން ޖެހޭ ގިނަ ކަންކަން ނުކޮށްދީ އޮވެ އެވެ. އެ ހާލަތުގައި ރަށުގެ ކުދިވެރިން ސަލާން ކުރަން ނެރެ، ހުނަރުވެރި ޒުވާނުން ވެރިންގެ ބެރަށް ނަށަން ނެރެ މި ކިޔާ ހޫނު މަރުހަބާގެ ސަގާފަތަކީ ކޮންމެހެން ދިރުވާން ޖެހޭ ސަގާފަތެއް ހެއްޔެވެ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ދިމާކޮށް އެތައް ރަށެއްގައި "ކަޑަޖެހުން" ކުރިއަށް އެބަ ގެންދެ އެވެ. ހަމަ ކުއްލިއަކަށް ހައުސިން ޔުނިޓްތައް އަޅަން ބަޔަކާ ހަވާލުކޮށްފާނެ އެވެ. ދައުރު ފެށުނީއްސުރެން ހުސްކޮށް އޮތް ބިމުގައި އަދި ކިރިޔާ ގޯތި ކަނޑާފައި ދޭން އިއުލާންކޮށްފާނެ އެވެ. ހޮސްޕިޓަލްތަކާއި، ޓާފް ދަނޑުތަކާއި، ކުޅިވަރުގެ އެކި ބިނާތަކާއި، މަގުގައި ތާރު އަޅަން އެބަ ފަށަ އެވެ.

ދިވެހީންނަށް ދަޅަ ދެއްކުމުގެ މިފަދަ އަމަލުތަކަކީ، ޑިމޮކްރަސީ ގެނައި ފަހުން ވެސް ކޮންމެ ވެރިކަމެއްގައި ތަޖުރިބާ ކުރަން ޖެހުނު ކަމެކެވެ. ދައުރުގެ ފަހު އަހަރު ކޮންނަ ބޯޓު ރަށާ ކައިރިކޮށް، ރަށުގެ ކުޅިޗަސްބިން ސަރަހައްދަށް ވެލި އަޅައި ހިއްކުމަށް ފަހު، އެ ތަނުގައި ތާރުކޮޅެއް އަޅާފައި، "އެއާޕޯޓް" ހުޅުވަން ވެރިޔަކު ކުޅުދުއްފުއްޓަށް ވެސް ވަޑައިގަތެވެ. އެ ތާރުގަނޑު މަތީ ހުންނަވައި، ވެހެމުން ދިޔަ ވާރޭގައި "ވޯޓަކަށް" އެދިވަޑައިގެން އާދޭސްކުރެއްވި އެވެ. މި އޮތީ ވައުދު ފުއްދައިދީފައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭރު އެއާޕޯޓްގައި ޓާމިނަލްއާއި، ބައްތިގަނޑެއްހާ ވަރު ވެސް ޖަހައިފައެއް ނެތެވެ.

ވެރިންގެ އަމަލުތައް މިހެން އޮތް އިރު، ސަނާކިޔާފައި ހޫނު މަރުހަބާއެއް ކިޔުމުގެ ބޭނުމެއް ނެތެވެ. ރައީސް ސޯލިހު ކެމްޕޭނަށް ކުޅުދުއްފުއްޓަށް މި ފަހަރު ވަޑައިގަތް އިރު ދެއްކީ ނަމޫނާ އެކެވެ. ޓާޝަރީ ހޮސްޕިޓަލާއި، ފުށް ފެކްޓަރީއާއި، އެއާޕޯޓްގެ ބައްތިއާއި، އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޮޗިން ފެރީގެ ވައުދުތައް ވެފައި އޮތް އިރު، އެއިން އެއްވެސް މަސައްކަތެއް ނުހިންގަ އެވެ. މަރުހަބާއަށް ދައްކަންވީ ރައްޔިތުންގެ މިފަދަ ޝުއޫރުތަކެވެ.

މީގެ ރީތި މިސާލެއް ހއ. ދިއްދޫން ވެސް މި ފަހަރު ފެނުނެވެ. ދިއްދުއަށް ރައީސް ސޯލިހު ވެފައިވާ ވައުދުތަކުގެ ލިސްޓެއް، އެ ރަށު ގޭގޭގެ ފާރުގައި ކުލަ ލައިގެން ލިޔެފައި ހުއްޓެވެ. އާންމުކޮށް ކެމްޕޭންގައި ޕްރޮމޯޝަން ޖައްސަން ކުލަލާފައި ހުންނަ ވައްޓަފާޅިއަށް ލިޔެފައި އޮތީ ރައީސް ކަމަށް އަންނަން ވެގެން ވެފައިވާ، އެކަމަކު ދައުރުގެ ފަހު އަހަރަށް އައިއިރު ވެސް ނުފުއްދި ހުރި "އިބޫގެ ވައުދުނާމާ" އެވެ.

ވެރިން ރަށަށް އައުމުން މަރުހަބާ ކިޔަންވީ ދެން މިހެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355