twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ދެތިން ކަމެއް

Jun 5, 2011

ލިބޭ މަހު މުސާރަ ކޮސްމެޓިކްސް ފިހާރާއަކަށް ހުސްކޮށްލަނީ ތީގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ފަސް ހަ ފަށަލައަށް މޫނުގައި “ދަވާދު” އުނގުޅައިގެން ނުކުމެ އިރުކޮޅެއްގެ ތެރޭގައި މޫނުގެ އޮފް ކަން ކެނޑެން ބޭނުންހެއްޔެވެ؟ މަހަކު ބްރޭންޑެއް ޓެސްޓުކޮށްގެންވެސް ރަނގަޅު އެއްޗެއް އަތުނުޖެހި ދަނީ ކިތައް ފަހަރުހެއްޔެވެ؟

މިއީ މޫނު ނުވަތަ ގައިގެ ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާ ކުދިންގެ ހިތުގައި އުފެދޭނެ ސުވާލުތަކެއްކަން ޔަގީނެވެ. އަގު ބޮޑު ތަފާތު ނަންނަމުގެ ކޮސްމެޓިކްސް ބާވަތްތައް ކަންމަތީ ފިހާރަތަކުން ލިބެން ހުރިއިރު އެތަކެއްޗަށްވުރެ ހަންގަނޑަށް ފައިދާބޮޑު އަދި ފަސޭހައިން މޫނުގެ ހަންގަނޑު ރީތިކޮށްލެވިދާނެ ގޮތްތަކެއް އެފަދަ ކުދިންނަށް ހިއްސާކޮށްލަން މިވަގުތުގެ ބޭނުން ހިފާނަމެވެ.

މޫނު ދޮވުމާއެކު ދުވަސް ފެށުން

ހެނދުނު ހޭލައިގެން ފުރަތަމަ ކަމަކަށްވެސް ސާފު ރީތި ފެނުން މޫނު ދޮވެލާށެވެ. މޫނުގައި ބާރަށް އަތް އުނގުޅުމުގެ ބަދަލުގައި މޫނަށް ފެން ބުރުވާލާށެވެ. ރަނގަޅަށް މޫނު ދޮވެލުމަށްފަހު ހަންގަނޑާ ގުޅޭ މޮއިސްޗަރައިޒް ކްރީމެއް މޫނުގައި އުނގުޅާލާށެވެ. ކޮންމެ މޫސުމެއްގައި ވެސް މޫނުގައި މޮއިސްޗަރައިޒް ކްރީމެއް ބޭނުން ކުރެވިދާނެއެވެ. ހަންގަޑުގެ ބާވަތުން ބޭނުންކުރާ މޮއިސްޗަރައިޒް ބަދަލުކުރަންޖެހިދާނެއެވެ. އެގޮތުން ތެޔޮ ހަންގަނޑެއްނަމަ ޑްރައި މޮއިސްޗަރައިޒް ކްރީމެއް ބޭނުންކުރެވިދާނެއެވެ. ހިކި ކުރަކި ހަންގަނޑެއްނަމަ ތެޔޮ އޮލަ މޮސްޗަރައިޒް ކްރީމެއް ބޭނުންކުރުން ރަނގަޅުވާނެއެވެ. މޮއިސްޗަރައިޒް ކްރީމުގައި ހުންނަ އަލްފާހައިޑްރޮކްސީ އެސިޑަކީ ހަންގަނޑަށް ވަރަށް ފައިދާހުރި މާއްދާއެކެވެ.

ހަފްތާއަކު މަދުވެގެން އެއްފަހަރު ބޮޑީ ސްކްރަބް އެއް ބޭނުންކޮށްގެން ގައިދޮވުން

ހަފްތާއަކު މަދުވެގެން އެއް ފަހަރު ފެންވަރާއިރު ގައިއުނގުޅުމަށް ހާއްސަކޮށްގެން އުފައްދާފައިހުންނަ އެއްޗެއް ބޭނުންކޮށްގެން މުޅި ހަށިގަނޑު ދޮވުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މުހިއްމު ކަމެކެވެ. އެގޮތަށް ހަންގަނޑު އުނގުޅާއިރު ހަންގަނޑަށް އަނިޔާ ނުވާނެހެން މަޑުމަޑުން އުނގުޅަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ހިކި ކުރަކި ހަންގަނޑެއްނަމަ ހަފްތާއަކު އެއްފަހަރު ސްކްރަބް ކުރުން ރަނގަޅުވާނެއެވެ. ތެޔޮ ހަންގަނޑެއްގެ ވެރިއެއްނަމަ ހަފްތާއަކު ދެފަހަރު ސްކްރަބް ކުރުމުން ރަނގަޅުވާނެއެވެ.

ރަނގަޅަށް އިސްތަށިގަނޑު ދޮވުން

ހޫނުގަދަ ދުވަސްވަރެއްގައި ބޮލުގައި ތަފާތު ތެޔޮ މާއްދާ ހިމެނޭ ހެއަރ ކްރީމް ބޭނުންކުރާނަމަ އިސްތަށިގަނޑު ދޮންނަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އިސްތަށިގަނޑާ ގުޅޭ ޝޭމްޕޫއެއް ބޭނުންކޮށްގެން އާދަވެގެން އިސްތަށިގަނޑު ދޮބުމަކީ މުހިއްމު ކަމެކެވެ. ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮވުމަށްފަހު ކޮނޑިޝަނަރ އެއް ބޭނުންކުރަންޖެހޭނެއެވެ. ވީހާވެސް ރަނގަޅީ ތަފާތު ވައްތަރުތަކުގެ ހެއަރ ސްޓައިލް ކްރީމްތައް ބޭނުންކުރުން މަދުކުރުމެވެ.

ބޭރަށް ނުކުތުމުގެ ކުރިން ރަނގަޅު މޮއިސްޗަރައިޒް އެއް ބޭނުންކުރުން

ގެއިން ބޭރަށް ނުކުމެ އަވީގައި ޖެހުމުގެ ކުރިން ހަންގަނޑުގެ ސަލާމަތަށް މޮއިސްޗަރައިޒް އެއް ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. މޮއިސްޗަރައިޒާއެއް ހޯދުމުގައި އެސްޕީއެފް 15 ނުވަތަ އެއަށްވުރެ މަތިނަމަ އެމޮއިސްޗަރައިޒް ކްރީމަކީ ރަނގަޅު ކްރީމެއް ނުވަތަ ލޯޝަނެއްކަމަށް ބެލިދާނެއެވެ.

މޫނުގެ “ދަވާދު” ތައް ސާފުކުރުން

މިތަނުގައި “ދަވާދު” ބޭނުންކޮށްފައި އެވަނީ މޫނުގައި އުނގުޅާ ތަފާތު ބާވަތްތަކުގެ އެއްޗެއްސަށެވެ. ކޮންމެ އެއްޗެއް މޫނުގައި އުނގުޅިނަމަވެސް ގެއަށް އައިސް ނުވަތަ ރޭގަނޑު އެ “ދަވާދު” ތައް ރަނގަޅަށް ފިލުވާލުން މުހިއްމެވެ. މޫނު ދޮވުމަށް ހާއްސަކޮށް އުފައްދާފައި ފޭޝަލް ވޮޝް އެއް ބޭނުންކުރެވިދާނެއެވެ. ވަކި އެއްޗެއް ބޭނުން ކުރަން ފެށުމުގެ ކުރިން ތިމާގެ ހަންގަނޑަކީ ތެޔޮ ނުވަތަ ކުރަކި ހަންގަނޑެއްތޯ ބަލައިލަންޖެހެއެވެ. މޫނު ދޮންނަ ހިތުންވެސް ދުވާލަކު ދެފަހަރަށްވުރެ ގިނައިން މިގޮތަށް މޫނު ދޮވެގެން ނުވާނެއެވެ.

ނިދުމުގެ ކުރިން އަތްފައި ދޮވުން

ނިދުމުގެ ކުރިން އަތާއި ފައި ރަނގަޅަށް ދޮންނަން ހަނދާން ކުރަންޖެހޭނެއެވެ. ނިޔަފަތިތައް ސާފުކޮށްފައި ބެހެއްޓުމަކީ ހަންގަނޑަށްވެސް ފައިދާ ކުރާނެކަމެކެވެ. ނިދުމުގެ ކުރިން ފައިތިލަ މަސާޖް ކޮށްލެވިދާނެއެވެ. އަދި އަތުގެ އިނގިލިތަށްވެސް އަމިއްލަ އަށް މަސާޖުކޮށްލުން ރަނގަޅުވާނެއެވެ. އެގޮތަށް މަސާޖުކުރުމަށް ކްރީމެއް ބޭނުން ކުރެވިދާނެއެވެ.

ދަތްތައް ސާފުކޮށް ބެލެހެއްޓުން

ހަންގަނޑުގެ ރީތިކަމަށް ދަތްއުނގުޅުމަކީ މުހިއްމު ކަމެއް ހެއްޔެވެ؟ މިއީ އުފެދިދާނެ ސުވާލެކެވެ. މީހެއްގެ ރީތިކަން ވަޒަންކުރާއިރު އެމީހާގެ މޫނުމަތީގެ ރީތިކަން ދައްކުވައިދޭ އެންމެ މުހިއްމު އެއްޗަކީ ރީތި ދަތްތަކެއް ފެންނަން ހުރުމެވެ. ކިތައްމެ ހަންގަނޑު ރީތި ކުއްޖަކަށް ވީނަމަވެސް ހިނިތުންވެލާއިރު ހުތުރު ދައްޕިލައެއް ފެންނަނަމަ ހަންގަނޑުގެ ރީތިކަން ފުހެލާނެއެވެ. އާންމުކޮށް ދަތްއުނގުޅާއިރު ނުފިލާހުންނަ ކޮބަޑި ފަދަ ތަކެތި ފިލުވުމަށްޓަކައި އަހަރަކު މަދުވެގެން ދެފަހަރު ޑެންޓިސްޓަކަށް ދައްކާ ދަތްތައް ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކަސްރަތުކުރުން

ހަންގަނޑުގެ ދިރުމަށް، ހަށިގަނޑުގެ ދިރުމަށް، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އަދި ދުޅަހެޔޮ ސިއްހަތަކަށްވެސް އެންމެ މުހިއްމު ކަމަކީ ކަސްރަތު ކުރުމެވެ. މެދުކަނޑާނުލައި އާދަވެގެން ކަސްރަތު ކުރާނަމަ ކަސްރަތު ކުރުމަކީ ބޮޑުކަމަކަށް ނުވާނެއެވެ. އަދި، ކަސްރަތު ކުރުމަކީ ސިއްހީގޮތުން ދިމާވާ ހުރިހާ މައްސަލަތަކަކަށްވެސް އޮތް ހައްލެކެވެ. ދުވާލަކު މަދުވެގެން 20 މިނިޓް އެރޯބިކްސް ކަސްރަތެއް ކުރުމަކީ އެންމެ ލުއި ގޮތަކަށް ކަސްރަތުގެ ބޭނުން ހަންގަނޑަށް ލިއްބައިދޭނެ ގޮތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355