twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބިންހެލުމާ ގުޅިގެން އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް

ނަބީލާ އިސްމާޢީލް
Feb 8, 2023

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން ހާލުގައިޖެހިފައިވާ އެތައްހާސް ބަޔަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި އައި މި ބިން ތުރުކީ އާއި ސީރިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބިންހެލުމުގައި ގާތްގަނޑަކަށް 8،000 މީހުން މަރުވެ، 40،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެެ.

ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރްސީ) އިން 200 މިލިއަން ސްވިސް ފްރެންކްސް (216.4 މިލިއަން ޑޮލަރު)ގެ ކުއްލި އެހީ ހޯދުމުގެ އިލްތިމާސްއެއް ނެރެފަ އެވެ.

ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވީ އައިއެފްއާރްސީގެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

  • 7701-176022-001 (ރުފިޔާ އެކައުންޓް)
  • 7701-176022-002 (ޑޮލަރު އެކައުންޓް)

އިސްލާމިކް ބޭންކުގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

  • 9901-01-55500036-100 (ރުފިޔާ އެކައުންޓު)
  • 9901-01-55500036-200 (ޑޮލަރު އެކައުންޓު)

ތުރުކީއަށް ލިބުނު ބޮޑު ގެއްލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އެ ގައުމަށް އެހީވުމަށް ހުޅުވާލާފަ އެވެ. އަދި ބައެއް ގައުމުތަކުގެ އެހީއާއި ރެސްކިއު ޓީމުތައް މިހާރު ވަނީ ތުރުކީއަށް ފޮނުވާފަ އެވެ.

ހޯމަ ދުވަހު އެ ސަރަހައްދަށް އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކީ މި ގަރުނުގާވެސް އެ ސަރަހަށްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355