ކުޅުދުއްފުށި ކޮރަލް ދަނޑުގެ ފެންސު ޖަހާ ނިންމާލައިފި އެވެ. މި މަޝްރޫއުގެ ދަށުން ދަނޑު ވަށާއި ބޮޑު ސަރަހައްދެއް ފެންސު ޖަހާފައިވާއިރު އެ ދަނޑުގެ ފުޓްސަލް ދަނޑުގެ ވަށާވެސް ވަނީ ފެންސު ޖަހާފަ އެވެ.
ޕްލަސްބީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު މިހާރު ނިންމާލާފައިވައިރު މިހާރު ކުރިއަށްދަނީ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތްކަމަށް ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވި އެވެ.
ޕްލަސްބީއާ މި މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ތެރޭގައި އެވެ. މި މަޝްރޫއުގެ ދަށުން ދަނޑު ވަށާ 6 ފޫޓް އުސްމިނުގައި ފެންސު ޖަހާފައިވާއިރު ގޯލާ ދިމާގައި 24 ފޫޓް އުސް އަދި 80 ފޫޓް ފުޅާ މިނުގައި ފެންސު ޖަހާފައިވެ އެވެ.
ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއަށް ޔޫތު މިނިސްޓްރީގެ ބަޖެޓުން 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ކުޅުދުއްފުށީގެ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް، ދަނޑުތައް ތަރައްގީކުރުމުގައި ޔޫތު މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒިގްޒެގް ދަނޑުގައި ޓާފް އަޅައި ފެންސު ޖަހާ ނިންމާލާފައިވާއިރު މިހާރު ކުރަމުންދަނީ އެތަނުގެ ރޮސްޓްރަމް އެޅުމުގެ މަސައްކަތެވެ.
މިއަހަރުގެ ބަޖެޓްގައި ހިރަފުސް ދަނޑު ތަރައްގީކުރުމާއި ސިންތަޓިކް ޓްރެކް އެޅުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.