twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރަންތާޖު ޤުރުއާން މުބާރާތް އިފްތިތާހުކޮށްފި

ނަބީލާ އިސްމާޢީލް
Mar 25, 2023

ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ޤުރުއާން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ. މިމުބާރާތަކީ، ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ ރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ.

ރަންތާޖު ޤުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ނައިބު ދެއްކެވި ވާހަކަފުޅުގައި "ރަންތާޖު" ޤުރުއާން މުބާރާތުގެ ފުރިހަމަކަން ފާހަގަކުރައްވައި، މިމުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއިމުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތެއް މަގުސަދަކީ، ޤުރުއާނަށްލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައިވެސް ވިދާޅުވިއެވެ.

ނައިބުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ޤުރުއާން މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް އަލި އަޅުއްވާ ލެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތަކުގައިވެސް ކުރިޔަށް ގެންދެވޭނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިސަރުކާރުގެ މަގުސަދަކީ، ދިވެހިންނަކީ ދީނަށް ލޯބި ކުރާ، އެކަކު އަނެކަކާއި އަޅާލައި އެކުގައި ދިރިއުޅެވޭ، ރަނގަޅު ރައްޔިތެއް، ކަމުގައި ހެދުން ކަމަށެވެ.

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355