twitterviber whatsapp telegramfacebookyoutube instagram
9th May 2024

ޖުޑިޝަރީ އިސްލާހުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް: ރައީސް

Mar 30, 2023

ޖުޑިޝަރީ އިސްލާހުކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ގަޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމާއި އަދި އެ ޝަރްއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވަމުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ޤާނޫނަށް ދެ އިޞްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕަރފޯމަންސް ބޭސްޓް ބަޖެޓިންގއާ ދިމާއަށް ދިޔުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއްކަން ފާހަގަކުރައްވައި ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ.

އަދި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ މިއީ މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި، ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވަކަން ފާހަގަކުރެއްވިއެވެ. އަދި

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމްއީއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމްއިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެން.ޖީ.އޯ. ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ވަޞީލަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355