ކަރަންޓް ކެނޑިފައިވާ ސަރަހައްދަށް އަލުން ކަރަންޓް ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް އަދި ހަތަރު ގަޑިއިރެއްހާއިރު ނަގާނެކަމަށް ބެލެވޭކަމަށް ފެނަކަ އިން ބުނެފި އެވެ.
ކުޅުދުއްފުށިން ކަރަންޓް ކެނޑުނީ މިއަދު ހަވީރު ގާތްގަނޑަކަށް 4:30 ހާއިރު އެވެ. އެއަށްފަހުން އަދިވެސް މުޅި ރަށަށް އަލުން ކަރަންޓް ފޯރުކޮށްދެވޭވަރު ނުވެ އެވެ. ކަރަންޓް ކެނޑުނީ ދެ ނަމްބަރު ސަބް ސްޓޭޝަންގެ ޓްރާންސްފޯމަރު ހަލާކުވުމުގެ ސަބަބުންނެވެ. އެހެންވުމުން މިހާރު ކަރަންޓް ނުދެވެ ހުރީ އެ ސަބް ސްޓެޝަނުން ކަރަންޓް ފޯރުކޮށްދޭ 300 އެެއްހާ ގޯއްޗަށެވެ.
ފެނަކަ އޮފިޝަލަކު ކޭއޯއަށް މިރޭ 9:40 ހާއިރު ވިދާޅުވީ، ކަރަންޓް ނެތް ސަރަހައްދަށް ކަރަންޓް އަލުން ފޯރުކޮށްދިނުމަށް ގާތްގަނޑަށް އަދި ހަތަރު ގަޑިއިރެއްހާއިރު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. ކަރަންޓް ދެވޭނެ ސީދާ ވަގުތެއް ހާމަކުރަން ދަތިވަނީ ކަރަންޓް ފޯރުކުރުމަށް ކުރަމުންދާ މަސައްކަތްތަކީ ވަގުތު ނަގައި ބުރަ މަސައްކަތަކަށްވާތީ އެވެ.
އެ ސަރަހައްދަށް ވަގުތީގޮތުން ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ ކޭބަލް އަޅައިގެންނެވެ. އެގޮތުން 180 ގެ ފަލަ ކޭބަލު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މައްސަލަ ޖެހުނު ޓްރާންސްފޯމަރުގެ ލޯޑް އެހެން ޓްރާންސްފޯމަރުތަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު ކޭބަލުތައް އެޅޭވަރަކުން ގޯތިތަކަށް ކަރަންޓް ފޯރުކޮށްދެމުން އަންނަކަމަށް އޮފިސަރު ވިދާޅުވި އެވެ.
"އެއްކޮށް ކަރަންޓް ދެވޭނެ ގަޑިއެއް ނޭނގޭ އަދިވެސް. އެކަމަކު މިބަލަނީ ގާތްގަނޑަށް ހަތަރު ގަޑިއިރު ތެރޭގައި ދެވޭނެކަމަށް." އޮފިޝަލް ވިދާޅުވި އެވެ.
މައްސަލަ ޖެހުނު ސަބް ސްޓޭޝަންގައި އާ ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތްކުރަމުންދާއިރު އެ ޓްރާންސްފޯމަރު ބަހައްޓާ ނިންމާލެވޭނީ މާދަމާގެ ވަގުތެއްގައި ކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.