twitterviber whatsapp telegramfacebookyoutube instagram
6th May 2024

އިގްތިސާދު ހަލުވިކުރަން ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތް ހަދަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

އަބްދުލް ވާހިދު ޙަސަން
Apr 5, 2023
1

ރާއްޖޭގެ ސަރަހައްދީ އިގްތިސާދު ހަލުވިކުރުމަށް، ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތްތައް ހޯދައި ދިނުމަށް އެދި ކުޅުއްދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއްލަތީފް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ. މިގަރާރު ބޭރުކޮށްލާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާވެސް އެކުގައި އެވެ. އޭގެ ތެރޭގައި ހދ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންވެސް ހިމެނެ އެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ޔާސިރު ހުށަހެޅުއްވީ ގަރާރުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ހުޅުވުމަށްފަހު ގެންނަންޖެހޭ އުމުރާނީ ކުރިއެރުން ފާއިތުވި މުއްދަތުގައި ގެނެވިފައިނުވާ ކަމަށެވެ. އަދި ޕޯޓްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގައި ދަތިތައް ދިމާވެފައިވާ ކަމަށް ޔާސިރުގެ ގަރާރުގައި ފާހަގަކުރެއްވިއެވެ.

ގަރާރު ހުށަހެޅުއްވި ސަބަބަކީ ސަރަހައްދީ ބަނދަރުތަކުގެ ހިދުމަތް ހޯދުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށާއި، ވިޔަފާރީތައް ސަރަހައްދުތަކަށް ބެހިގެންދާނޭ ގޮތްތަށް ދެނެގަތުމުގެ އިތުރުން ބަނދަރުތައް ހިންގުމުގައި ގުޅުންހުރި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ކަމަށް ޔާސިރު ވިދާޅުވިއެވެ.

އަދި ބަނދަރުތަކުގެ ތަރައްގީގެ ދިގުރާސްތާ ޕްލޭންތަކާއި މަސައްކަތް ދާގޮތް ދެނެގަތުމާއެކު ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ދެނެގަތުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަދި ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި، ސަރަހައްދީ އިގްތިސާދު ހަލުވިކުރުމަށް ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތްތައް ހޯދައި، އެ މަސައްކަތް ހަލުވިކުރުމަށް ސަރުކާރަށް ގޮވާލައި މި ގަރާރު ހުށަހަޅަން" ޔާސިރު ވިދާޅުވިއެވެ.

ގަރާރު ހުށަހަޅައްވަމުން ޔާސިރު ވިދާޅުވީ ސަރަހައްދީ ދެ ބަނދަރު ތަރައްގީކޮށް ބޭނުންވާ މަގްސަދު ހާސިލުކުރުމަށްޓަކައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައިވާ ވާހަކަ ދަންނަވަން ދަތި ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެ ބަނދަރުން 30 އިންސައްތަ ޑިއުޓީ ކަނޑާލުމުގެ އިތުރުން މި ސަރުކާރުގައި 50 އިންސައްތަ ޑިއުޓީ ކަނޑާލެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދާ ހިސާބަށް އައި އިރުގައި ކުރެވިފައި އޮތް ކަމަކީ މި ދެ ބަނދަރަކީވެސް ކުލި ނަގައިގެން ހިންގާ ތަނެއްގެ ގޮތުގައި" ޔާސީރު ވިދާޅުވިއެވެ.

ޔާސިރުގެ ގަރާރު ބަލައިގަތުމާއި ގުޅޭ ގޮތުން ވޯޓު ދިނީ 24 މެމްބަރުންނެވެ. އަދި ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވީ 29 މެމްމަބަރުންނެވެ. އެއާއެކު ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްފައެވެ. ހދ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން މި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި މަކުނުދޫ ދާއިރާގެ މެމްބަރުން އެކަންޏެވެ. މި ފަހަރު އިންތިހާބުވި މަޖިލީހަކީ ޔާސިރު ނިސްބަށްވެވަޑައިގަންނަވާ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355