twitterviber whatsapp telegramfacebookyoutube instagram
29th March 2026

ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން 165،989 ރުފިޔާ، ބޮލަކަށް 594 ރުފިޔާ

އަބްދުލް ވާހިދު ޙަސަން
Apr 19, 2023

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން 165،989 ރުފިޔާ ބަލައިގަނެފައިވާކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ޒަކާތް ދެއްކުމަށް ކަނޑައެޅި މުއްދަތު މިދިޔަ އަންގާރަދުވަހަށް ހަމަވިއިރު ކުޅުދުއްފުށީ ކައުންސިލަށް 8164 މީހަކު ޒަކާތް ދައްކައިފައިވެ އެވެ.

ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެންމެ ގިނައިން ޒަކާތް ދައްކާފައިވަނީ އާދައިގެ ހަނޑުލުންނެވެ. އެގޮތުން އާދައިގެ ހަނޑުލުން 7183 މީހަކު ޒަކާތް ދެއްކި އެވެ. އެއީ 86،196 ރުފިޔާ އެވެ.

ދެވަނައަށް އެންމެ ގިނައިން ޒަކާތް ދައްކާފައިވަނީ ބާސްމަތީ އާދައިގެ ހަނޑުލުންނެވެ. އެއީ 410 މީހަކަށް 34،440 ރުފިޔާ އެވެ. އެންމެ މަދުން ޒަކާތް ދެއްކީ ރައް ހަނޑުލުންނެވެ. އެއީ 32 މީހުންނެވެ. ރުފިޔާ އިން ބަލާނަމަ އެއީ 3،168 ރުފިޔާ އެވެ.

ފަގީރުންގެ އަދަދު މިއަހަރު ގިނަ، ބޮލަކަށް 594 ރުފިޔާ

ކުޅުދުއްފުށީގައި މިއަހަރު ފަގީރުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ 2022 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 263 މީހެކެވެ. މިއަހަރު އެއަދަދު އުޅެނީ 279 ގަ އެވެ.

މިއަހަރު ކުޅުދުއްފުށީގައި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހަން ހަމަޖެހިފައިވަނީ 594.94 ރުފިޔާ އެވެ. ސިޓީ ކައުންސިލުން ބުނީ، 19 ވަނަ ދުވަހުގެ ރޭގަނޑު އެ ފައިސާ ފަގީރުންގެ އެކައުންޓްތަކަށް ޖަމާވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355