twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ސަސް އަތުން ހޯދި ބޮޑު މޮޅާއެކު މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް

މުޙައްމަދު އަހުމަދު
Apr 27, 2023

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބޮޑު ފަރަގަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގެ ފަހު ޖާގަ ޔަގީންކޮށްފި އެވެ.

މިރޭ 8 - 0 ން ސަސްގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު އަންނަ އާދިއްތަ ދުވަހު ފައިނަލުގައި އެޓީމުން ނުކުންނަން ޖެހޭނީ މިއަދު ހަވީރު ބުރު ބަލިކޮށް ފައިނަލަށް ދަތުރުކުރި ކުލަބް އީގަލްސްއާ ދެކޮޅަށެވެ.

މިރޭގެ މެޗުގައި ސަސް އިން ކުޅުނީ މުހިންމު ދެ ކުޅުންތެރިން ނުލަ އެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުން ކީޕަރު މީސަމް އަދި އިންޖަރީގެ ސަބަބުން ކެޕްޓަން ދަގަނޑޭ އެވެ.

މާޒިޔާއިން މިރޭގެ މެޗުގައި ލީޑު ނެގީ 38 ވަނަ މިނެޓުގައި ހަސަން ރާއިފް އަހްމަދު (ހަންނަ) ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފަ އެވެ.

މާޒިޔާގެ ތިންވަނަ ގޯލު ދެވަނަ ހާފު ފެށިގެން އެޓީމަށް ޖަހައިދިނީ ބޭރު ކުޅުންތެރިޔާ އެޑްގާ އެވެ. 4 ވަނަ ގޯލު ހަމްޕު ޖެހިއިރު އެޓީމުގެ ދެން ހުރި ލަނޑުތައް ޖަހައިދިނީ މުހައްމަދު އިރުފާން (އިރޭ)އާއި ބޭރު ފޯވާޑް ސްޓެފާން މިހަލޮވިޗްގެ އިތުރުން ހަންނަ އާއި ދާދު އެވެ.

ސަސްއިން ވެސް މިރޭގެ މެޗުގައި ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ޕްރެޒިޑެންޓްސް ކަޕުގެ ސެމީގައި އާދިއްތަދުވަހުގެ ރޭ މާޒިޔާއާއި އީގަލްސް ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355