twitterviber whatsapp telegramfacebookyoutube instagram
28th March 2024

މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Apr 30, 2023

މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ސޯލިހުގެ ވާހަފުޅުގައި ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ހިދުމަތެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމައަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ހިދުމަތެއް ކަމަށާއި އެކަމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް ތަރައްގީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން މިދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ހިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ހިދުމަތް ދެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ، މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުލުހުންގެ ހިދުމަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ މައްސަކަތްތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާ ވިދާޅުވީ އަމާޒަކީ، ފުލުހުންގެ ތެރޭގައި ހިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ހިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތައުލީމާއި ތަމްރީން ހޯދައިގެން ހިދުމަތް ދޭ މީހަކަށް ހެއްދެވުން ކަމަށެވެ. އަދި ކުށުގެ ވެއްޓާއި ކުށްކުރާ ގޮތްތަކަށް އައިސްފައިވާ ބަދަލުތަކާއިއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މިރާއްޖެއަށް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް އެމަނިކުފާނު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރެވުނީ، 29 މާރިޗު 1933ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކުރައްވައި، ފުލުހުންގެ ހިދުމަތަކީ މަދަނީ ހިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355