twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
Apr 30, 2023

ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މާދަމާއިން ފެށިގެން ގެންނަވާ ހެޔޮ ބަދަލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރައީސް ސޯލިހު އެންމެ ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއަދު ހެނދުނު ދެއްވެވި ވީޑިއޯ ހިތާބެއްގައި ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ އެބޭފުޅުން ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ބައެއް މަގާމްތަކުގެ މުސާރަބޮޑު ކުރެވިގެން ދިޔަ އަދަދުތައްވެސް ހާމަކުރައްވާފައެވެ.

މިގޮތުން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި، ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެ ކަން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން، ސީނިއަރ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ، އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މެޑިކަލް އަދި ޑެންޓަލް އިންޓާން ޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓާން އެލެވަންސެއް ދިނުމަށްވެސް ނިންމާފައިވާ ކަމަށާ، ސިއްހީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފްކުރެއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނެކަމަށެވެ.

އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، އަދި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މުސާރަތަކަށް މިގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްސީލުތައް، ކަމާ ގުޅޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާ ހިއްސާ ކުރައްވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355