twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕްރައިވެޓް ސެކްޓާގެ މަސައްކަތްތެރިންނަށް ގާނޫނުން ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
May 2, 2023

ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައި ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ އެމަނިކުފާނު ފޮނުއްވި ހިތޯބުގައެވެ.

އެ ހިތޯބުގައި ރައީސް ވަނީ މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލައްވާފަ އެވެ.

ރައީސްގެ ހިތޯބުގައި މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކާއި މަސައްކަތްތެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ތަހުނިޔާ ފޮނުއްވަމުން ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަމަށާއި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމުގަ އެވެ.

މީގެ އިތުރުން ވިދާޅުވީ ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން، ހަމަޖެއްސަވާފައިވުމާއި މިނިމަމް ވޭޖް ކަނޑައެޅުއްވުމާއި އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ގެންނެވި ބަދަލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ވެސް އެމަނިކުފާނުގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355