twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޑިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރާއި ރާއްޖެ އިން ހަވާލުވެއްޖެ

ނަބީލާ އިސްމާޢީލް
May 2, 2023

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ގައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ހަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އުޅަނދުގެ ނަމަކީ "ސީޖީއެސް ހުރަވީ"އެވެ. މިއަދު ހިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީޖީއެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިންގ ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ހާއްސަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއަށް އަރުއްވާފައެވެ.

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގ އާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީއާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355