އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިންގ ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން އިތުރު ވެގެންދާނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ރަޖްނަތް ސިންގ އެ މަނުފާނު އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ދެއްކެވި ވާހަކަފުޅުގައި ކުރިމަގުގައިވެސް ދިފާއީ ދާއިރާއިން ދެ ގައުމުން ގުޅިގެން މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަން ކުރެވިގެންދިޔަ، އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިންގ ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން އިތުރު ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވަނީ އަވަށްޓެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީހަށް އަލި އަޅުވާލައްވާފައެވެ. އަދި ދެ ގައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށްގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސާވޭތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިގްތިސޯދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިންޑިއާއިން ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކިދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށްގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރިމަގުގައި ވެސް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީން އިންޑިއާގެ ޑިފެންސް މިނިސްޓަރ ދެއްވިއެވެ.