ރާއްޖޭގައި ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ ރުއް އާލާކުރެއްވުމުގެ ގައުމީ ޕްރޮގްރާމް ހދ ވައިކަރަދޫ އިން ފަށައިފި އެވެ.
އެކަމަށްޓަކާ މިއަދު ހެނދުނު ވައިކަރަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު މިނިސްޓަރު ޑރ ހުސެއިން ހުސެއިން ރަޝީދެވެ.
މިނިސްޓަރު ވިދާޅުވީ، ރުއް އާލާކުރުމުގެ ގައުމީ ޕްރޮގުރާމު ވައިކަރަދޫގައި އިފްތިތާހުކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މޯލްޑިވްސް ގްރީން ފަންޑުގެ މާލީ އެހީގައި ގެނެސްފައިވާ މި ރުއްތަކަކީ 3-4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓްގެ) ދެވައްތަރެއްގެ (ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ) ރުއްތަކެކެވެ. މީގެ 5000 ރުއް ރާއްޖެ ގެނެސް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ވަނީ ކަށަވަރުކޮށްފަ އެވެ.
އަދި ހުޅަނގު މޫސުމުގެ ފެނާއެކު މިހާރު ރުއްތައް ރުވަން ފަށާފައިވާއިރު ވައިކަރަދޫގެ އިތުރުން އިތުރުން ނޭކުރެންދޫ، އުތީމު އަދި ހޯރަފުށީގައި މި ރުއް އިންދުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ ހުސެއިން ވިދާޅުވީ، ކައުންސިލުތަކަށް ރުއްގަނޑު އަޅާ ދިނުމަށް ބިން ހޯދުމަށް މިނިސްޓްރީން ހުށައެޅުމުން، ރަށުގެ ލޭންޑްޔޫޒް ޕްލޭނަށް ބިނާކޮށް ރުއް އިންދުމަށް ޖާގަ ދިން ހުރިހާ ކައުންސިލަކަށް ހިލޭ ރުއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ރުއް ހޯދުމަށް ބޭނުންވާ އެހެން ކައުންސިލްތަކުންވެސް، ރަށުގެ ލޭންޑްޔޫޒް ޕްލޭނުގައި ރުއް އިންދުމަށް ލިބެން އޮތް ބިމުގެ ބޮޑުމިނާއި ސަރަހައްދު އެނގޭ ގޮތަށް މިނިސްޓްރީއަށް ހުށައެޅުއްވުމުން، ރުއް ލިބެން ހުރި ނިސްބަތަކުން، އެރަށްރަށަށްވެސް ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.