twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަންފަރުގެ 100 ރޯހައުސްއަށް 360 އަށްވުރެގިނަ މީހުން ކުރިމަތިލައިފި

އަބްދުލް ވާހިދު ޙަސަން
May 8, 2023

ހދ ނޮޅިވަރަންފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު އެ ޔުނިޓްތަކަށް 363 ފޯމު ހުށަހަޅާފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 2011 ވަނަ އަހަރު އިމާރާތްކުރަން ފެށި މި 100 ހައުންސިންގ ޔުނިޓް މިސަރުކާރުން ނިންމާ ކުރިމަތިލާން ހުޅުވާލީ މިއަހަރުގެ މާރޗުމަހުގަ އެވެ.

ދެ ކެޓަގަރީއަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި ނޮޅިވަރަންފަރު ރައްޔިތުންނަށް ހާއްސަކުރި 75 ހައުންސިންގ ޔުނިޓަށް 253 ފަރާތްތަކުން ފޯމު ހުށަހެޅި އެވެ. އަދި އެރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 25 ހައުންސިންގ ޔުނިޓަށް 110 ފަރާތްތަކުން ފޯމު ހުށަހެޅިކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމު ވިދާޅުވި އެވެ.

ނަދީމު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފޯމުތައް އެންޓާކުރުމުގެ މަސައްކަތްކަމަށާ، އެމަސައްކަތް ނިމުމުން އިވެލްވޭޝަން މަރުހަލާ ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ މަތިން ޕޮއިންޓް ލިބެނު ފަރާތްތަކަށް ރޯހައުސް ލިބޭއިރު ގުރުއަތަށް ދާނީ އެއް ކެޓަގަރީއަކުން އެއްވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގަ ކަމަށެވެ.

"އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް [ރޯހައުސް] ލިބެމުން އައިސް، ދެން އެއްވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތަކަށް ދާނީ." ނަދީމު ވިދާޅުވީ އެވެ.

ރޯހައުސްތަކުގެ ކުލި ބޮޑުކަމުގެ ކަންބޮޑުވުން

ނޮޅިވަރަންފަރުގެ ހައުންސިންގ ޔުނިޓްތަކަށް މަހަކު ދައްކަން ޖެހެނީ 5000 ރުފިޔާ އެވެ. ނަދީމު ވިދާޅުވީ، 5000 ރުފިޔާއަކީ މިހާރު މީހުންނަން ލިބޭ އާމުދަނީއަށް ބަލާފައި ބޮޑު އަދަދެއްކަމުން އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް އާންމުގެ ފަރާތުން ކައުންސިލަށް އަންނަ ކަމަށެވެ.

ރައްޔިތުންގެ އެ ޝަކުވާތައް މިނިސްޓްރީއާ ވަރަށް ކުރިން ފެށިގެން ހިއްސާކުރަމުންދާ ކަމަށާއި، އަގު ކަނޑައެޅުމަކީ މިނިސްޓްރީގެ ބާރެއް އޮންނަ ކަމެއްނޫން ކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް ނަދީމު ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއުއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355