twitterviber whatsapp telegramfacebookyoutube instagram
3rd October 2024

ކުޅުދުއްފުށި: އަމަލީ މަސައްކަތް ފެށިތާ އަހަރެއްވީއިރު އެންމެ މަގެއްވެސް ނުހެދުނު!

އަބްދުލް ވާހިދު ޙަސަން
May 9, 2023
3

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުމަށް ހަފުތާއަކަށްވުރެ މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް މިދިޔަ 2022 ވަނަ އަހަރުގެ މާރޗުމަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބޮޑު ޖަލްސާއެއް ބާއްވާ، ފެށި އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އަލްއުސްތާޒް މޫސާ އަލި މަނިކާއި ކުޅުދުއްފުށީ ތަމްސީލުކުރައްވާ ދެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަކުލީފަކަށް ނުވާނޭ ގޮތަށް މި މަޝްރޫއު ކުރިއަށްގޮސް ނިންމާލެވޭނެކަމަށް ރައްޔިތުން އުންމީދުކުރި އެވެ.

އެކަމަކު، މިމަޝްރޫއު ރައްޔިތުން އުންމީދުކުރި ގޮތާ ގާތަށްވެސް ކުރިއަކަށް ނުގެންދެވުނެވެ. އަމަލީ މަސައްކަތް ފެށިފަހުން އަހަރެއްވެގެންދިޔައިރު އެންމެ މަގެއްގައިވެސް ތާރު އަޅައެއް ނުލެވުނު ތަނުގައި މަގުތަކުގައި ވަޅުލަން ޖެހޭ ހޮޅިތަކާއި ޖަގްޝަންތަކުގެ ބޮޑުބައި އޮތީ ނުނިމި އެވެ. ވަޅުލާފައި ހުރި ޖަގްޝަންތަކުގައިވެސް ޖަހާފައިވަނީ ވަގުތީ މަތިތަކެކެވެ.

މަގު ހަދަން ފެށި ދުވަހު މޭޔަރު ދެއްކެވި ވާހަކަ

ކުޅުދުއްފުށީގެ މަގުތަކުގެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ އަމަލީ މަސައްކަތް ފެށުނީވެސް ލަހުންނެވެ. އެއްބަސްވުމުގައި ސޮއިކުރިތާ ގިނަ ދުވަސްތަކެއް ފަހުން މަގުގެ އަމަލީ މަސައްކަތް ފެށުނީ ކައުންސިލުން ބޭނުންވި ކަންތައްތަކެއް އިތުރުކުރުމަށެވެ. އެލަސްވި ލަސްވުމުގެ ޒިންމާވެސް ކައުންސިލު ނެގި އެވެ.

ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވެފައިވަނީ މަގު ހެދުމުގެ އަމަލީ މަސައްކަތް މި ފެށުނީ ވަރަށް ދިގު އިންތިޒާރަކަށްފަހު ކަމަށާ މަޝްރޫއު ފެށެން ކުޑަކޮށް ލަސްވެސް ވެއްޖެ ކަމަށެވެ.

އެކަމަކު މަޝްރޫއު ލަސްވުމުގައި ކައުންސިލްގެ އެދުންތަކެއްވެސް ހުރިކަން ފާހަގަކުރައްވަމުން، ލަސްވި ސަބަބު މޭޔަރު ސާފުކޮށްދެއްވި އެވެ.

"އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރުގައި އެދުނު އެދުން އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުރީގައި މިރަށުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގާފަ ހުރިގޮތަށް ދެން އަލުން މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާކަށް." އެއް އަހަރުން ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

އެގޮތުން މޭޔަރު އެދުވަހު ވިދާޅުވީ، ވާރޭފެން ހިންދާނެ ނިޒާމަކާއި ފަޔަރ ހައިޑްރަންޑް ސިސްޓަމާއި ޑީވޯޓަރިންގެ ސިސްޓަމްގެ އިތުރުން، އިތުރު 8 މަގެއް، މަޝްރޫއުއަށް އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދުނު ކަމަށެވެ. ކައުންސިލްގެ އެ ރިކްއެސްޓްތަކަށް ވަރަށް އަވަސް ޖަވާބެއް ރައީސް ދެއްވިކަމަށާއި އެކަމަށްޓަކާ އެ މަނިކުފާނަށް މޭޔަރު ޝުކުރުވެސް އަދާކުރެއްވި އެވެ.

މުޅިން ފައިނަލްވެފައި އޮތް ޕްރޮޖެކްޓަކަށް އިތުރު ބައިތައް ހިމަނަށް ޖެހުމުން މަޝްރޫއު ލަސްވެގެންދިޔައީ އެވެ. އެގޮތުން ކައުންސިލުން އެދުނު ކަންތައްތައް ހިމެނުމުން މަޝްރޫއުގެ އަގު ދެ ގުނަވިކަމަށްވެސް މޭޔަރު ވިދާޅުވީ އެވެ. އެގޮތުން 106 މިލިއަން ރުފިޔާގެ މަޝްރޫއު އަގު 199 މިލިއަން ރުފިޔާއަށް އެރިކަމަށެވެ.

އާރުޑީސީގެ ބަސް:

މަގުތަކުގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް ކޭއޯއިން ގުޅާލުމުން އާރުޑީސީގެ މީޑިއާ އޮފިސަރު ވިދާޅުވީ، މަގު ހެދުން ލަސްވީ ޕްރޮޖެކްޓް ޕްލޭންކޮށް ތަންފީޒުކުރުމަށްފަހު ކައުންސިލުން އެދުމުގެ މަތިން ސްކޯޕަށް ބަދަލުކުރަން ޖެހުމުން ކަމަށެވެ.

"ފަޔަރ ހައިޑްރަންޓް ފަދަ ޕްރޮވިސަންސް ލާން ރިކްއެސްޓްކުރޭ. މަގުގަ އަޑީގަ އޮންނަ ނެޓްވޯރކް އެޕްރޫވްވެގެން އައުމުން މަސައްކަތް ކުރިއަށްދާނީ. [ފަޔަ ހައިޑްރަންޓަށް] ލުމަށް އެމްއެންޑީއެފުން އެޕްރޫވްކޮށްފައި ހުންނަ ވަކި ހާއްސަ ހޮޅިއެއް މި އަޅަނީ." ޓީވީ ސްޓޭޝަނެއްގައި އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

އަދި ޕްލޭނަށް ބަދަލު ގެނެސް މުވައްޒަފުންނާއި މެޝިނަރީޒް އިތުރުކޮށް މަސައްކަތް ކުރިއަށްގެންދަން ޕްލޭން ކުރާ ކަމަށެވެ.

އާރުޑީސީ ދައްކާ ވާހަކަ ދިމަލެއް ނުވޭ!

އެއްބަސްވުމުގައި ސޮއިކުރި ފަހު ކައުންސިލުން އެދިގެން ޕްރޮޖެކްޓަށް ބައެއް އިތުރުކުރަން ޖެހުމުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ލަސްވިކަން މޭޔަރުގެ ވާހަކައިންވެސް އެނގެ އެވެ. އެކަމުގެ ޒިންމާވެސް ކައުންސިލުން ނެގި އެވެ. އަދި އެހެން އެ ދިމާވީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް އެއްބަސްވުމުގައި ސޮއިކުރުމުންކަންވެސް އެނގެ އެވެ.

އެކަމަކު އަމަލީ މަސައްކަތް ފެށުމަށްފަހު ޕްރޮޖެކްޓަށް ބަދަލު ގެންނަ ކައުންސިލުން އެދިފައެއް ނުވެ އެވެ. އަމަލީ މަސައްކަތް ފެށީ ކައުންސިލުން އެދުނު ކަންކަން ހިމަނައިގެން ބަދަލުތައް ގެނެސްގެންނެވެ. އެހެންވުމުން މަޝްރޫއު ފެށިފަހުން ލަސްވާ ލަސްވުމަކީ އާރުޑީސީގެ މައްސަލައެއްކަން ރައްޔިތުންނަށް އެނގި ކަށަވަރުވެ އެވެ.

މި މަޝްރޫއުގެ ދަށުން 5.99 ކިލޯ މީޓަރު މަގުގައި ތާރު އަޅައިގެން ހަދަން އާރުޑީސީއާ ހަވާލުކުރީ 510 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށްކަމަށްވިޔަސް 1000 ދުވަސްތެރޭގައިވެސް މި ސްޕީޑްގައި ގޮސްގެން އެންމެ މަގެއްވެސް ނުހެދޭނެކަން ރައްޔިތުން އަންނަނީ ބުނަމުންނެވެ. ފިނިހަކަ ދުވެލީގައި ކުރިއަށްދާ މި މަޝްރޫއަށް ބަލާއިރު ބައެއް މަގުތައް ކޮނުމުގެ މަސައްކަތްކުރާތާވެސް އެތަކެއް ދުވަހެއް ވަނީ ވެފަ އެވެ. އަދި ބައެއް މަގުތަކުގައި ޕޭމެންޓްގެ މަސައްކަތްކުރިއަށްދާއިރު ގިނަ މަގުތަކުގައި ވަޅުލަން ޖެހޭ ހޮޅިފަދަ ތަކެތި އަހަރެއްވެގެންދިޔައިރ ވަޅުލެވޭ ގޮތެއްވެސް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355