އުތުރުގެ 3 ރަށެއް ހިމެނޭހެން 20 ރަށެއްގައި 20 މެގަވޮޓްގެ ސޯލާ ޕެނަލް ޤާއިމުކުރުމަށް ނިންމައި، އެކަން ކުރާނެ ބަޔަކު ހޯދުމަށް އެންވާރުމަންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނާޖީ" (އެޝުއަރ) ޕްރޮޖެކްޓުގެދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުއަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށެވެ. މި މަޝްރޫއުގެދަށުން ސޯލާ ޕެނަލް ގާއިމުކުރާ ރަށްރަށުގެ ތެރޭގައި، އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކާއި، އާބާދީ މަދު ރަށްތަށްވެސް ހިމެނެއެވެ.
މި މަޝްރޫއުއަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮގަސްޓްމަހުގެ 14ވަނަ ދުވަހާ ހަމައަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 5 ލައްކަ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ބަހައްޓަންޖެހެއެވެ.
📢 Invitation for bid submission.
— Min. of Environment, Climate Change and Technology (@MoEnvmv) May 11, 2023
For more info:https://t.co/6zRHmEYoyN#RenewableEnergy #SolarPV pic.twitter.com/JZ1xPjfWhO
އިއާދަކުރަނިވި ހަކަތައިގެ ނިޒާމަކީ ސަރުކާރުން ވަރަށް ހައްސަ އިސްކަމެއް ދެމުންއަންނަ ކަމެކެވެ. މި އަހަރު ނިމޭއިރު، 42 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެކަމަށް ސަރުކާރުން މީގެކުރިން ހާމަކުރައްވާފައިވެއެވެ. އޭގެ ސަބަބުން 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތް ކުރެވޭނެއެވެ. އަދި މި މަސައްކަތްތައް ނިމުމުން އަހަރަކު 320 މިލިއަން ރުފިޔާ، ތެލުގެ ހަރަދުން ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.
ކުރިއަށް އޮތް 2 އަހަރު ނިމޭއިރު، ރާއްޖޭގެ 39 ރަށެއްގެ އިންޖީނުތައް ދުވާލުގަޑީގައި މުޅިން ނިވާލައިގެން ހިދުމަތްދެވޭވަރަށް އިއާދަކުރަނިވި ހަކަތަ ގާއިމުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހަމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.