މެރިޓް ސްކޮލަޝިޕްގެ ނަމުގައި އިތުރު ސްކޮލާޝިޕް ސްކީމެއް މިއަހަރު ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.
މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލާޝިޕް ލިބޭނީ، ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ.
ރައީސް ވިދާޅުވީ މިއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ހާއްސަކުރާ ސްކޮލާޝިޕެއްކަމުގަ އެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޮލާޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގުސަދަކީ ޒަމާނީ ތައުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްގީކުރުން ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުސަތުތަކާއި މިއިން ޒަމާނަކުވެސް، ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލާޝިޕްގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށްވެސް، އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ފުޅާވެ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕްގެ ލިއުން ރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި 18 ދަރިވަރަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާސިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ހާސިލުކޮށްފައިވެއެވެ.