twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، ބެންކޮކަށް ދާ ދުވަސް ކައިރިވެއްޖެ!

ނަބީލާ އިސްމާޢީލް
May 17, 2023
1

ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު މަސައްކަތްތާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރި ވީޑިއޯއެއް ޓްވިޓާގައި ޝެއާ ކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ،ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި. ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެއެވެ.

އޭރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ މައި ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355