twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކަށް

May 18, 2023

ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)އާ ރާއްޖެ އާ ދެމެދުގައި އޮންނަ ގާތް އަހުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަގާފަތާއި، ދެެގައުމުން ގަބޫލުކުރާ ކަންތައްތަކުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޔޫއޭއީގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުހައްމަދު ސައީދު ހަރެބް އަލްމެހްރި، އެ މަނިކުފާނުގެ އަރިހަށް އިއްޔެ ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 މާރިޗު 1978 ވަނަ އަހަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ، އެ ގައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަގާފަތާއި، ދެެގައުމުން ގަބޫލުކުރާ ކަންތައްތަކުގެ މައްޗަށެވެ.

ޔޫއޭއީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތައުރީފްކުރައްވާފައެވެ. މިގޮތުން ރާއްޖެއިން 2030 ވަނަ އަހަރާ ހަމަޔަށް ދާން ވާއިރަށް ނެޓް ޒީރޯ އަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރު ނޮވެންބަރު މަހުގެ 30 އިން ޑިސެންބަރު 12 އަށް ޑުބާއީގައި ކުރިޔަށްގެން ދިޔުމަށް ހަމަޖެހިފައިވާ ކޮޕް 28 ވަނަ ބައްދަލުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރައީސް ވަނީ މިފަހަރުގެ ބައްދަލުވުމުގައި ޕެރިސް އެގްރީމަންޓްގެ ނަތީޖާ ނިކުންނަ ގޮތް ބެލުމަށްޓަކައި ގްލޯބަލް ސްޓޯކްޓޭކް ގެ މަސައްކަތްކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ކޮޕް 28 އަށް ޔޫއޭއީގެ ރިޔާސަތަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ކޮޕް 27 ގައި އިއުލާނުކުރެވުނު 'ލޮސް އެންޑް ޑެމޭޖް ފަންޑް' ކުރިޔަށްގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ. ޔޫއޭއީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މި ފަންޑް ދޫކުރުމުގައި އެންމެ ބޭނުން ޖެހިފައިވާ މައްސަލަތަކަށް އިސްކަންދެއްވާނެކަމަށެވެ. އަދި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫއޭއީ އިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355