twitterviber whatsapp telegramfacebookyoutube instagram
17th April 2024

މަޖިލީހުގެ ރައީސްގެ މަގާމުން ވަތްކެއް ނުކުރެވޭނެ: ނަޝީދު

ނަބީލާ އިސްމާޢީލް
May 24, 2023

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކި ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރައްވަން އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކު ވަނީ އިއްޔެ ހުށަހަޅައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އެމްޑީޕީގައި ކުރިން ތިއްބެވި 12 މަޖިލިސް މެންބަރުންނާ އެކު އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.

އީވާ މަޖިލީހުގެ ނައިބުގެ ރައީސްގެ މަގާމުން ވަކިކުރަން ހުށަހެޅުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު، އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ބޭނުންފުޅު ވިޔަސް އެ މަނިކުފާނު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ނުކުރެއްވޭނެ ކަމަށެވެ.

އެގޮތުން އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ނިސްބަތް ކުރައްވާ "ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ." ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އޭގެ ރައްދުގައި ނިޔާޒު ވަނީ އެއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް މިވަގުތު އެ ނިންމުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ދެން ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ސޯލިހަށް ވެރިކަން ގެއްލުމުން ނިޔާޒުގެ އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފަ އެވެ. އަދި ހަ ވަރަކަށް މެމްބަރުން ރައީސް ސޯލިހަށް ބިރު ދައްކައިގެން ކަންކަން ކުރަމުންދާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ އެ ތުހުމަތާއެކު އެ ގްރޫޕް ހޫނުވެ ބައެއް މެމްބަރުން ވަނީ ނަޝީދު "މޮޔަވެއްޖެ" ކަމަށާއި ނަޝީދު މުޅި ގައުމު ފިތުނަކޮށްފި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްކަމުން ދުރުކުރުން އަވަސް ކުރަން ގޮވާލައިފަ އެވެ.

މެމްބަރުންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355