ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުން އޮތީ، ނިލަންދޫގައި ހުންނަ ފ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.
ރައީސް އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންބައިވެރިވެވަޑައިގެން މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި އަދި ބައެއް މަޝްރޫއުތައް މިހާރު ހިނގަމުންދާކަމަށެވެ. މިގޮތުން ހިންގިފައިވާ ބައެއް މަޝްރޫއުތުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.
ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށިގެންދާނެ ކަމަށާއި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެރަށެއް ހިއްކައި ރިޒޯޓުތަރައްގީކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ. އަދި މިސަރަހައްދުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ގާއިމްކުރުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްގީއަށާއި، ސްކޫލުގެ ތަރައްގީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސާއި ހިއްސާކުރެއްވިއެވެ.
ރައީސް ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.