twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުނބުރުދޫގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑާއި އެކްސަސް ރޭމްޕްގެ މަސައްކަތް ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Jun 6, 2023

ތިލަދުންމަތީގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ ކުނބުރުދޫގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑާއި އެކްސަސް ރޭމްޕްގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުއަކީ 10.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި ޖަމާވެފައިވާ ބޮޑު ކުނިގޮނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށްގޮސް މިހާރު މަޑުޖައްސާލާފައިވަނީވެސް ކުނބުރުދޫގައި ގާއިމުކުރާ ރޭމްޕާއި ޖެޓީގެ މަސައްކަތް ކުރަމުންދާތީކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

ވެމްކޯ އިން ބުނެފައިވަނީ އެ މަސައްކަތް ނިންމާލިހާ އަވަހަކަށް ކުޅުދުއްފުށިން ކުނި ބޭރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ކުރިން މީހުން ދިރިއުޅުނު މިހާރު ފަޅުވެފައިވާ ހދ ކުނބުރުދޫއަކީ ތިލަދުންމަތީގެ ރަށްތަކުގެ އުފެދޭ ކުނި ޖަމާކުރާނެ ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން އޭރުގެ އެންވަޔަރަމެންޓަލް މިނިސްޓަރު ހުސެއިން ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް 23 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައި އެވެ.

ކުޅުދުއްފުށީ ކައުންސިލާއެކު ބޭއްވި ޒޫން މީޓިންގައި މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން އޭރު ވިދާޅުވެފައިވަނީ ކުނބުރުދޫ ބޭނުންކުރާނީ ހަމައެކަނި ޓްރާންސްފަރ ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. އެރަށަކު ކުންޏެއް ނާންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުނބުރުދޫއަށް ކުނި ގެންގޮސް ފްރޮސެސް ކުރުމަށްފަހު އަންދަން ޖެހޭ ކުނި ގެންދަން ނިންމާފައިވަނީ ރ ވަންދޫއަށް ކަމަށެވެ.

ކުނބުރުދޫއަށް ކުނި ޖަމާކުރިނަމަވެސް މިނިސްޓްރީން ބޭނުންވަނީ އެރަށުގެ ގުރުރަތީ ރީތިކަން ވީހާވެސް ނުގެއްލޭނެ ފަދަ ގޮތަކަށް އެކަން ކުރުން ކަމަށާ އެގޮތުން ރަށް ހަލާކުވާ ފަދަ ކަންތައްތައް ކުރަން މިނިސްޓްރީން ބޭނުންނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355