twitterviber whatsapp telegramfacebookyoutube instagram
6th May 2024

ޑރ މުހައްމަދު ދަރިވަރުންނަށް: އެންމެ ބޭނުންވާ ނަތީޖާ ނުލިބުނު ނަމަވެސް ނާއުންމީދު ވެގެން ނުވާނެ

ނަބީލާ އިސްމާޢީލް
Jun 14, 2023

ފާޅުގައިވިޔަސް އަދި ސިއްރުގައިވިޔަސް އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރުމަކީ ހަށިގަނޑަށް ދެވޭ ގެއްލުމެއް ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ. ޑރ މުހައްމަދު މިފަދައިން ވިދާޅުވީ ރޭގަ އޮތް ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލްގެ ގުރޭޑް 10 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ވާހަކަ ދައްކަވަމުންނެވެ.

ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ޑޮކްޓަރު ވިދާޅުވީ މިހާރު ސިނގިރޭޓް ބުއިމާއި ވޭޕްކުރުންފަދަ ގޯސް ކަންކަން ބައެއް ދަރިވަރުން ޖެހިލުމެއް ނެތި ކުރަމުން އަންނަތަން ފެންނަ ކަމަށާއި ފާޅުގައިވިޔަސް އަދި ސިއްރުގައިވިޔަސް އެއީ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އެހެންކަމުން ހުރިހާ ދަރިވަރުންނަށްވެސް ޑޮކްޓަރު ދެއްވި ނަސޭހަތަކީ މަރުދެކެ ބިރުގަންނަ ފަދައިން ވޭޕްކުރުންފަދަ ގޯސްއާދަތަކަށް ބިރުގަންނަން ޖެހޭކަމަށެވެ.

"ކިޔަވާ ހުރިހާ ކިޔެވުމެއް ތި ކިޔަވަނީ ހެވާ ނުބައި ދަސްކުރުމަށް، ރަނގަޅާ ގޯސްވަކި ކުރަން، އެހެންވީމާ ކޮންމެ ކުއްޖެއްވެސް އަޒުމް ކަނޑައަޅާށޭ ގޯސް އާދަތަކާ ދުރުހެލިވާން. މައިންބަފައިންގެ ބަސްއަހާ ކިޔަމަަންތެރި ކުދިންތަކަކަށް ވާން. މިއީ ހަރަދަކާ ނުލާ ހޭދައެއްނުކޮށް ކޮންމެ ކުއްޖަކަށްވެސް ކުރެވޭނެ ކަމެއް އަދި ކުރަން ޖެހޭނެ ކަމެއް." ޑރ މުހައްމަދު ވިދާޅުވި އެވެ.

އެންމެ ބޭނުންވާ ނަތީޖާ އަދި ނުލިބުނު ނަމަވެސް ނާއުންމީދާއި މާޔޫސްވެގެން ނުވާނެ ކަމަށާއި ނުކުރެވޭނެ، ނޭނގޭނެ ކިޔާ މަސައްކަތް ހުއްޓާނުލުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ. ލިބޭ އިލްމުގައި ހަގީގީ ކުލަ ޖެއްސޭނީ އަމަލީ ގޮތުން އެ އިލްމު ބޭނުންކަން އެނގިގެންކަމަށާއި ކިޔަވާ ކުލާސް އެއްފަރާތް ކޮށްލާފައި އެ ދަންމަރުތަކަށް އަމަލީ އެއްްޗަކަށް ހެދޭނީ ކުލާހުން ބޭރުން ލިބޭ ފުރުސަތުތަކުން ކަމުގައި ޑރ ވިދާޅުވި އެވެ. އަދި ގެއާއި މުޖުތަމައުގައި ގޭނޭ ގޭނުންތަކަކުން ކަމަށެވެ.

"ވިސްނުމާއި ފިކުރު ތަރައްގީކުރަން ކުރާ މަސައްކަތްތަކަށް، ސަރ މެން ކިޔެވީ އަމިއްލަ އަތުން، ހަމައެކަނި ދެލިގަނޑަށް ބަރޯސާނުވެ، އަމިއްލަ ތަޖުރިބާއާއި ކަންކަން ދަސްކުރަން މަސައްކަތްކޮށްގެން. ބެލެނިވެރިންނާއި ދަރިވަރުންނަށް ގަބޫލުކުރަން ދަތިވި ނަމަވެސް އަޅުގަނޑުމެން ކިޔެވިއިރު މި ފަދަ ޖަލްސާތައް ރާވައި، ހުރިހާ ކަމެއް ކުރަން ޖެހުނީ އަމިއްލައަށް، މި މަސައްކަތުން ދަސްވީ އެކުގައި މަސައްކަތް ކުރާނެ ގޮތް. މިއީ ކުލާހުން ބޭރުން ލިބުނު އަގުހުރި ފިލާވަޅެއް، ރޭވުންތެރިވާށާއި ކަންކަން އިންތިޒާމުކުރާނެ ގޮތް. ބަޔަކު ގޮވައިގެން ދިރިއުޅުމުގެ މައިދާނަށް ތައްޔާރުވާނެ ގޮތް. ހަގީގަތުގައި ބުނާނަމަ ސަރގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ސްކޫލުދައުރުގައި ކުރެވުނު ކަންކަމާއި އަދާކުރި ޒިންމާތަކާއި އުޅެވުނު ގޮތް. މިއަދު މި ވާހަކަތައް ތިޔަ ދަރިވަރުންނަށް ހިއްސާ މިކުރަނީ އެ މާޒީން އިބުރަތްތައް ލިބި ގަތުމަށްޓަކައި." ޑރ މުހައްމަދު

ކިޔެވުމަކީ ހަމައެކަނި ދެލިގަނޑު ދަސްކުރުން ނޫންކަމަށާއި ކިޔަވަމުންވެސް އިތުރު ހަރަކާތަށް ވަގުތު ދޭން ޖެހޭކަން ފާހަގަކުރައްވަމުން ޑރ ވިދާޅުވީ އިތުރު ކަންކަމުން ލިބޭ ފުރުސަތުތައް ދޫކޮށްނުލުމަށެވެ. އަދި މިއީ ދިރިއުޅުމުގައި ތަމްރީނުވާން ލިބޭ އެންމެ ފަހި ފުރުސަތުކަމަށް ބަލަން ނަސޭހަތްތެރިވި އެވެ.

ބެލެނިވެރިން ދަރިންނަށްޓަކާ އުފުލާ ބުރައަކީ ފިސާރި އަގުހުރި ބުރައެއްކަމަށާއި އަވަދިނެތި ދިރިއުޅުންމުން އެ ކުދިންގެ ކިޔެވުމަށާއި އެހެނިހެން ކަންކަމަށް އެކުދިންނަށްޓަކާ ދެއްވާ ވަގުތަކީ ވަރަށް މުހިންމު ވަގުތެއް ކަމަށް ވިދާޅުވަމުން ބެލެނިވެރިންނަށްވެސް ޑރ ނަސޭހަތްކޮޅެއް ދެއްވިއެވެ.

މިއީ ޓެކްނޮލޮޖީއާއި އިންޓަނެޓްގެ ދުވަސްވަރުކަމުން ދަރިންނަށް މިނިވަންކަން އޮންނަންވާނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށާއި ބެލެނިވެރިން އެ ހުދޫދު ދޫކޮށްލުމަކީ މައްސަލައެއް ކަމަށެވެ. ދަރިވަރުން ވާހަކަ ދައްކަނީ ކާކާތޯ ބަލަން ޖެހޭކަމަށެވެ. ދަރިވަރު އުޅެނީ ކިހިނެތްތޯއާއި، ރައްޓެހިންނަކީ ކޮބައިތޯ ކޮން ބައެއްތޯ ބަލަން ޖެހޭ ކަމަށެވެ. ގޮތްނޭނގޭ ނުދަންނަ ބައެއްގެ އެކުވެރިޔަކަށް ދަރިން ވިޔަ ދީގެން ނުވާނެކަމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވި އެވެ.

"އަބަދު ޗެޓްކުރަން، ގޭމް ކުޅެން އިންނަ ބުދަކަށް ދަރިވަރު ވިޔަ ދީގެން ނުވާނެ. ގޭމްކުޅުމުގެ އަޅަކަށް ދަރިވަރު ވިޔަދީގެ ނުވާނެ. ކާ ގަޑިތަކާއި ނިދާގަޑިތަކުގައި ފޯނަކީ އެންމެ ކައިރީގައި ބަހައްޓާ އެއްޗަކަށް ވިޔަދީގެން ނުވާނެ. ފޯނާއި އިންޓަނެޓަކީ އެންމެ އެދެވޭގޮތުގައި ހިފެހެއްޓިގެން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ޒިންމާއެއް. އަދި މިތަކެތި ހޯދައި ނުދިނުމަކީވެސް ހައްލެއް ނޫން. އެއީ ކުއްޖާގެ ކުރިއެރުމަށް އެޅޭ ހުރަހެއް" ޑރ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355