twitterviber whatsapp telegramfacebookyoutube instagram
28th April 2024

ބޮޑުއީދު: ހަނިމާދޫގައި މިއަހަރު ފޯރިގަދަ ސްޓޭޖް ޝޯތަކެއް

Jun 19, 2023

މިއަހަރު އަޟްޙާ އީދު ފާހަގަ ކުރުމުގެ ގޮތުން ހދ ހަނިމާދޫގައި ފޯރިގަދަ ސްޓޭޖް ޝޯތަކެއް ބާއްވަން ހަމަޖެހިއްްޖެ އެވެ.

ކައުންސިލުން އައުޓް ސޯސްކޮށްގެން އެ ހަނިމާދޫގެ ޖަމިއްޔާއަކަށާއި ގުރޫޕަކަށް ފުރުސަތު ދީގެން ބާއްވާ މި އީދު ކުޅިވަރުތައް ފެށޭނީ މި މަހު 27 ވަނަ ދުވަހުގެ ރޭ 20:30 ގައި އޮންނަ "އީދު ގެނައުން" ކިޔާ ސަގާފީ ހަރަކާތަކުންނެވެ.

އެއަށްފަހު 28 ވަނަ ދުވަހުގެ ހަވީރުން ފެށިގެން 02 ޖުލައިގެ ރެއާއި ޖެހެންދެން އެ ރަށުގައި އީދު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދިނެވެ.

އެގޮތުން 28 ވަނަ ދުވަހު ހަވީރު 16:30 ގައި މާލި ޕެރޭޑް ކުރިއަށްދާނެ އެވެ. އަދި 20:30ގައި ވާދެމުމާއި އެ ރަށު އެކުވެރި ބޭންޑްގެ ފޯރިގަދަ ޝޯއެއް ކުރިއަށްދާނެ ކަމަށެވެ. 29 ވަނަ ދުވަހު ހެނދުނު 8:30ގައި އަންހެނުންނަށް ހާއްސަކޮށް ޓާސްކް ގޭމްގެ ހަރަކާތެއް ކުރިއަށްދާއިރު އެ ދުވަހުގެ ހަވީރު 16:30 ގައި ދެ ޖިންސަށް ހާއްސަކޮށް ބައިވެރިވެވޭ ގޮތަށް އޮތް ވާދެމުމުގެ މުބާރާތް ކުރިއަށްދާނެ އެވެ. އަދި މީގެ އިތުރުން ހަމަ އެ ރޭ ގޮމަ ގުރޫޕްގެ ފޯރިގަދަ ސްޓޭޖް ޝޯ 20:30 ފެށިގެން ކުރިއަށް ދާނެ އެވެ.

30 ޖޫންގައި ވެސް ހަވީރު ވާދެމުމުގެ މުބާރާތް އޮތްއިރު އެ ރޭ ބިދަބިން ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ސްޓޭޖް ޝޯއެއް ކުރިއަށްދާނެ އެވެ. އަދި 1 ޖުލައިގައި ހަވީރު ވާދެމުން ކުރިއަށްދާއިރު ރޭގަނޑު ބައިބަލާ މުބާރާތް އޮންނާނެ އެވެ.

2 ޖަލައި ހަވީރު ކުޑަކުދިންނަށް ހާއްސަ ރޮބޯމޭން ޝޯ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރު ހަނިމާދޫގައި އީދު ފޯރި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލާއި އެ ރަށު ކުލަބް ޖަމިއްޔާތަކާއި ގުރޫޕްތަކުގެ އިތުރުން އެ ރަށުގެ ގިނަ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބު ރައީސް ފިރާގު ވިދާޅުވީ މި ހަރަކާތްތައް ބޭއްވުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ގޮވާލި ގޮވާލުމަށް ހާޒިރުވި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށާއި އީދު ކުޅިވަރު ކަހަލަ ކަންކަން ކުރެވޭނީ ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"ހާއްސަކޮށް މި ފަދަ ކަންކަމުގައި މަޝްވަރާކުރަން ގޮވާލީމައި މަޝްވަރާގެ މަޖިލީހަށް ނައިސް، ފަހުން ފާޑުކިއުން އެހާ ބަލައިގަނެވޭނެ ކަމެއް ނޫން. މަޝްވަރާގެ މަޖިލީހަށް ވީހާވެސް ގިނަ މީހުން ދުރުވެފައި ހިޔާލު ފާޅުކުރުން." ފިރާގު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355