twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޑަކުދިންނާ ގުޅޭ ސިޔާސަތުތައް އެކުލެވާލުމުގައި އެކުދިންގެ ބައިވެރިވުން އިތުރުކުރަންޖެހޭ

ނަބީލާ އިސްމާޢީލް
Jun 20, 2023

ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި އެކުދިންގެ ސީދާ ބައިވެރިވުން އޭގައި އެކުލެވެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބަނޑޮސް މޯލްޑިވްސްގައި "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޑަކުދިންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމުމުގެ މަރުހަލާތަކުގައި އެކުދިންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސްގެ އަނބިކަނބަލުން ވަނީ ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އެކަމަނާ ވަނީ ރީޖަނަލް ކޮންސަލްޓޭޝަނުން ޒުވާނުންނާއި އަދި ކުޑަކުދިންނަށް ހިޔާލު ހޯދުމުގެ ސެޝަނެއް ބާއްވަވާދެއްވާފައި ވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި އެ ހައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (ސީއާރްސީ)ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ކުރިއެރުންތައް އެގޮތުގައި ހިފެހެއްޓުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން އެކުދިން ހޭލުންތެރިކުރުވުމާއި އެކުދިންނަށް ލިބިފައިވާ ހައްޤުތަކުގެ ބޭނުން ހިފުމުގައާއި އަދި އެފަދަ ހައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެހީތެރިކަން ހޯދާނެގޮތްތައް ކުދިންނަށް ބުނެދިނުމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެކަމަނާ ވަނީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މުޖުތަމައުން އަދާކުރާ ދައުރުގެ އިތުރުން ކުޑަކުދިންގެ ހައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމުއިއްޔާތަކުން އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އެކަމަނާ ވަނީ ކުޑަކުދިންނަކީ މުސްތަޤްބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްޤީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ"ގައި ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ. މި ކޮންފަރެންސަކީ މި ޤައުމުތަކުގެ ކުޑަކުދިންގެ ހައްޤުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ހިއްސާކުރުމާއި އަދި މި ސަރަހައްދުގެ އޮގަނައިޒޭޝަންސްތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355