twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަތްފޯރާފަށުން ނަފްސާނީ ފަރުވާއާއި އެހީތެރިކަން ލިބެންޖެހޭ: ފަޒްނާ

ނަބީލާ އިސްމާޢީލް
Oct 11, 2023

ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ސިއްހަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމައެއްގެ ނާރެސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާހުކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި އިއްޔެ އެ ކޮލެޖުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ހިދުމަތަކަށްވުން މުހިންމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ބޭނުމަކީ، މުޖުތަމައެއް ބިނާކުރުމުގައި ފަރުވާނުކުރެވިހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށްވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރިގޮތުގައި އެމީހެއްގެ ހިދުމަތް މުޖުތަމައާ ހިއްސާކުރުމުގެ ހެޔޮކަން ލިބުންކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުގެތެރެއިން ނަފްސާނީ ސިއްހަތާބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަސީލަތްތައް ތަނަވަސްކުރުން މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައިވަނީ ސުލްހަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއްވެސް ބާކީވެގެންދިޔަނުދީ އެމީހަކަށް އެކަށީގެންވާ ހައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެހިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެކަމަނާ ކުރައްވާ އުންމީދެއްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނަފްސާނީ ސިއްހަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކުރުމުން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް" މި ޝިޢާރުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355