twitterviber whatsapp telegramfacebookyoutube instagram
20th May 2024

ލޯފަން މީހުން ވޯޓުލުމާއި ކެނޑިޑޭޓުން ނަން ހުށަހެޅުމުގެ މުއްދަތާގުޅޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

ނަބީލާ އިސްމާޢީލް
Jun 22, 2023

ލޯފަން މީހުންނަށް އެހެން މީހުންގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށްޓަކައި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ގެންނެވި އިސްލާހުތައް ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި އިސްލާހުތަކަށް އަމަލުކުރާނެއެވެ. މި އިސްލާހުތަކަކީ ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލުތަކެކެވެ.

މި ބިލުގައި ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، އެ ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، އެ ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން ހިމެނެއެވެ.

އެގޮތުން މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ. މި އިސްލާހުގައި ވާގޮތުން، ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކައި ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ.

އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސްއެއް ބޭނުންކުރެވިދާނެ ކަމަށް އިސްލާހުގައި ވެއެވެ. އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވާގޮތުން، ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު، މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ. ފެނުމުން މަހުރޫމްވެފައިވާ މީހުންވެސް ވޯޓްފޮއްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެގޮތަށް، ކަރުދާސް ފަތްޖަހާފައިކަމަށް އިސްލާހުގައި ވެއެވެ.

މި ގާނޫނަށް ގެންނެވި އަނެއް މުހިންމު އިސްލާހު ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. މިގޮތުން އެ މާއްދާއަށް ގެނެސްފައިވާ މައިގަނޑު އިސްލާހަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355