ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ މެޗުގައި ބޫޓާން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރާއްޖޭން ބޫޓާންގެ މައްޗަށް ކުރިހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބޫޓާނުން މޮޅު ކުޅުމެއް ދެއްކިއިރު ރާއްޖެއިން މެޗުގެ ބޮޑުބައި ކުޅުނީ ޕްރެޝަރުގައި އޮވެ އެވެ.
ރާއްޖެއިން ވަނީ ރޭ ކުޅުނު މެޗު ފަށައިގެން ފަސް މިނެޓުތެރޭ ލީޑު ނަގާފަ އެވެ. ހާފުގެ މެދުން ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ހިފައިގެން ބޫޓާނުގެ އޭރިއާ ތެރެއަށް ވަނުމުން އޭނާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން މިލަނޑު ޖަހައިދިނީ ވެސް ހަމްޕު އެވެ.
މެޗުގެ ފުރަތަމަ ހާފު ރާއްޖެއިން ވެސް ބޫޓާނުގެ ގޯލަށް ނުރައްކާކުރިއިރު އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 16 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)އަށް ލިބުނު ފުރުސަތެވެ. އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ބޫޓާނުން މެޗުގެ ތެރެއަށް ވަދެ ފުރަތަމަ ހާފު ރާއްޖެ ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ނަމަވެސް މިހަމަލާތައް ނާކާމިޔާބުކޮށްލީ ރާއްޖޭގެ ހުޝިޔާރު ގޯލް ކީޕަރު ހުސެއިން ޝަރީފް އެވެ. ހުސެންގެ ފަރާތުން މޮޅު ކުޅުމެއް މިމެޗުގައި ފެނިގެންދިޔައިރު އޭނާ ވަނީ ބޫޓާނުގެ ހުރިހާ ހަމަލާތަކެއް ވެސް ދިފާއުކޮށްފަ އެވެ.
ބޫޓާނުން ދެވަނަ ހާފުގައި ވެސް ވަރުގަދަކޮށް ފެނިގެންދިޔައިރު އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ރާއްޖެއިން ވެސް އިތުރު ގޯލެއް ޖަހަން މަސައްކަތްކުރިއިރު މިމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނާއިޒް ހަސަން (ދާދު)އާއި އަލީ ފާސިރު (ސެންޓޭ) ވަނީ މެޗުގައި ތަފާތު ދައްކާފަ އެވެ.
ސެންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 75 ވަނަ މިނެޓުގައި ދާދު ފޮނުވާލި ބޯޅަ ބޫޓާނުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އެއަށްފަހު ވެސް ދާދުގެ ހަމަލާތަކެއް ފެނުނުއިރު އެހަމަލާތައް ބޫޓާނުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގައި ރާއްޖެއަށް ހަމަޖެހިލެވުނީ 89 ވަނަ މިނެޓުގައި ދާދު ޖަހައިދިން ލަނޑާއެކު އެވެ. އައިސަމް ޖައްސާލި ބޯޅަ ހިފައިގެން ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ދާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ އިތުރުވަގުތު ދެވަނަ ރީނދޫ ކާޑާއެކު ރާއްޖޭގެ ހަސަން ރާއިފް އަހްމަދު (ހަންނަ)އަށް ރެފްރީ ރަތްކާޑު ދެއްކިއިރު ރާއްޖޭން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ގްރޫޕުގެ ބީގެ އަނެއް މެޗުގައި އިއްޔެ ހަވީރު ލުބުނާނުން ވަނީ 2 - 0 ން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މިގްރޫޕުގެ ދެން ހުރި މެޗުތައް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ލުބުނާނުން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.