twitterviber whatsapp telegramfacebookyoutube instagram
7th May 2024

ބަންގްލަދޭޝް ކަޓުވާލާ ކުވައިތު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް

މުޙައްމަދު އަހުމަދު
Jul 1, 2023

ހަނި ތަފާތަކުން ބަަންގްލަދޭޝް ކަޓުވާލާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުވައިތުން ހޯދައިފި އެވެ.

އިތުރު ވަގުތުގެ ދެހާފް ކުޅެގެން 1 - 0 ން ބަންގްލަދޭޝް ބަލިކޮށް ކުވައިތު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރިއިރު ކުވައިތަކީ މިފަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ކުޅޭ އެއް ގައުމެވެ.

ދައުވަތު ދީގެން ކުޅޭ އަނެއް ގައުމަކީ ލެބަނަން އެވެ. މިރޭ ދެވަނަ ސެމީގައި ލެބަނަންއާއި އިންޑިއާ ބައްދަލުކުރާއިރު ފައިނަލުގައި ކުވައިތުން ނުކުންނަން ޖެހޭނީ މިރޭގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރާވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުވައިތުން ކުރިހޯދީ 1 - 0 ންނެވެ. މިފޯރިގަދަ މެޗު ވަރުގަދަކޮށް ފަށާފައިވަނީ ބަންގްލަދޭޝްއިންނެވެ.

މެޗު ފެށިގެން އެއް މިނެޓުތެރޭ ބަންގަލަދޭޝް ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޓީމުގެ ޝެކް މޮރްސަލީން ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު މަތަކުރިއިރު މޮރްސަލީންގެ ރީބައުންސް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

29 ވަނަ މިނެޓުގައި ކުވެއިތުގެ އެއިދު އަލްރާޝިދީ ފޮނުވާލި ހަމަލާއާއެކު ކުވެއިތުން މަޑު މަޑުން މެޗުގެ ތެރެއަށް ވަތްއިރު އަލްރާޝިދީގެ ހަމަލާ ބަންގަލަދޭޝްގެ ކީޕަރު ދިފާއުކުރި އެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް އަލްރާޝިދީގެ ހަމަލާއެއް ފެނުނުއިރު އެހަމަލާ ވެސް ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އަނެއްކާވެސް ބަންގްލަދޭޝްއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނުއިރު ރަކީބް ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސްދަނޑިއަށެވެ. ދެވަނަ ހާފު ކުވައިތުން މެޗުގެ ކޮންޓްރޯލް އެއްކޮށްހެން ހޯދިއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުވި އެވެ.

މިމެޗުގައި ކުވައިތުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅު ތެރޭ އުފެއްދި ކައުންޓާ އެޓޭކަކުން އެޓީމުގެ އަބްދުﷲ އަލްބަލޫޝީ ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑާއެކު ކުވައިތު ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި އެޓީމުން ނުކުންނާނީ މިރޭ އިންޑިއާއާއި ލެބަނަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355