twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ވައުދާއެކު އިތުރު ބޮޑެތި ވައުދުތަކެއް ވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 7, 2023
3

މޯލްޑިވްސް ނެޝެނަލް ޕާޓީގެ ސަރުކާރެއްގައި ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ ވައުދާއެކު އިތުރު ގިނަ ވައުދުތަކެއް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވެވަޑައިގަންނަވައިފި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި އެމްއެންޕީގެ "އުޖާލާ ޒަމާން" ޖަލްސާގައި ވާހަކަދައްކަވަމުން، ނާޒިމު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ބަދަލުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގެ އިތުރުން ބޮޑު ތިލަދުންމަތީގެ ރަށްތަކުގެ ތަރައްގީއަށް ކުރައްވާނެ ކަންތައްތައް ވިދާޅުވި އެވެ.

އެގޮތުން ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއެކު އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭނެ ހުރިހާ ހިދުމަތެއް ގާއިމުކުރާނެ ކަމަށެވެ. އެގޮތުން ލައުންޖްތަކާއި ޝޮޕްތަކާއި އިންޓަނޭޝަނަލް ޑައިރެކްޓް ފްލައިޓްތަކާއި ފެންވަރު ރަނގަޅު އެރައިވަލް ޓާމިނަލާއި ޑިޕާޗަރ ޓާމިނަލް ގާއިމުކުރެވޭނެ އެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމާއެކު ބޮޑެތި ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓްތައް އުފައްދާ ހިދުމަތް ޔަގީންކުރައްވާނެކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރުމާއެކު މުޅި ސަރަހައްދަށް ކޭޓަރ ކުރެވޭވަރު ތަނަކަށް ހެދުމާއި ސްޕެޝަލް ވޯޑްތަކާއި ޕްރައިވެޓް ރޫމްތައް އިތުރުކުރާނެ ކަމަށެވެ.

ބޮޑެތި ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓްތައް އުފައްދާ ހިދުމަތް ދޭނެ ރިސޯސަސް ގާއިމްކޮށް ޑޮކްޓަރުން ޔަގީންކުރުން ހިމެނެ އެވެ.

ނާޒިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ޖަލާލުއްދީން ސްކޫލް އިތުރަށް ތަރައްގީކޮށް، ސާނަވީ ތައުލީމު ދެވޭނެ ގޮތަށް އެ ސްކޫލް ކޮލެޖަށް ބަދަލުކޮށް، ދަނާލާއެކު އަލުން ހުޅުވާނެ ކަމަށެވެ.

އިތުރު ވައުދުތައް

- ޒަމާނީ ލަގްޒަރީ ޝޮޕިން މޯލެއް ހެދުން
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްގީކުރުން
- ޒަމާނީ ކުޅިވަރު އެކުވެނިއެއް ގާއިމުކުރުން.
- ލޯކަލް ޓުއަރިޒަމް އެޑްވެންޗާ ޓުއަރިޒަމެއް ގާއިމުކުރުން

ޒަމާނީ ލަގްޒަރީ ޝޮޕިންގ މޯލެއް ހެދުން

މި ޝޮޕިން މޯލަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަފަދަ ބޮޑު ޝޮޕިން މޯލެއް ކަމަށާއި އަދި އިންޓަނޭޝަނަލް އެކި ބްރޭންޑްތަކަށް ހާއްސަ ފްލޯތަކާއި ލޯކަލް ވިޔަފާރިތަކަށް ހާއްސަ ފްލޯތައް މިތަނުގައި ހުންނާނެ އެވެ. އަދި ތަފާތު އިންޑޯ ކުޅިވަރު ކުރެވޭނެ ތަންތަންވެސް މިތަނުގައި ހުންނާނެ އެވެ.

މީގެ އިތުރުން އެންޓަރޓެއިންމެންޓް ލޯންޖްތަކާއި ސިނަމާތަކާއި ރަށުގެ ވިޔަފާރިވެރިންނާއި އަތޮޅުގެ ވިޔަފާރިވެރިންނަށް ހާއްސަ ތަންތަނުގެ އިތުރުން އިންޓަނޭޝަނަލް ފްރެންޗައިސް ކާބޯތަކެތި ވިއްކާ ތަންތަންވެސް މިތަނުގައި ހުންނާނެ އެވެ. އަދި މިތަނުން 500 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް އެމްއެންޕީ ބުނެ އެވެ.

ބަނދަރު ތަފާތު ހިދުމަތްތަކާއެކު ތަރައްގީކުރުން

އެމްއެންޕީގެ ސަރުކާރެއްގައި ކުޅުދުއްފުށީގެ ބަނދަރު ތަފާތު ހިދުމަތްތަކާއެކު ތަރައްގީކުރެވިގެންދާނެ ކަމަށާއި އެގޮތުން ބަނދަރުގައި ޒަމާނީ ގިމަތަތައް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ދަތުރުވެރިން މަޑުކޮށްލާ ނިދާލެވޭނެ އެކޮމަޑޭޝަން ފެސިލިޓީސް އާއި ދަތުރުވެރިން ވިޔަފާރިކުރެވޭނެ ކިޔޮލްސްތައް ގާއިމުކުރެވޭނެ ކަމަށެވެ.

އަދި ބަނދަރުން ޑީޝަލާއި ޕެޓްރޯލާއި އައިސް އަދި ފެން ލިބޭނެ އިންތިޒާމާއި މަސްވެރިކަމަށް ބޭނުންކުރާ އާލާތާއި ސާމާނު ގަންނަން ލިބޭނެ ފިހާރަ ހުންނާނެ ކަމަށެވެ. މިތަނުން 50-100 ދެމެދުގެ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށެވެ.

ޒަމާނީ ކުޅިވައު އެކުވެނި ގާއިމުކުރުން

ޒަމާނީ ކުޅިވައު އެކުވެނީގައި ހުރިހާ ވައްތަރެއްގެ އިންޑޯ ކުޅިވަރުކުޅެވޭނެ ޒަމާނީ ފެންވަރުގެ ސްޕޯޓްސް އެކުވެންޏެއް ކަމަށާއި އެތަނުގައި އިންޑޯ ސްވިމިންގ ޕޫލާއި ވޯޓާ ސްޕޯޓްސް ކުޅިވަރު ކުޅެވޭނެ ގޮތްތަކާއި ޓްރެއިނިންގތައް ބޭއްވޭނެ ކްލާސް ރޫމްތައް ގާއިމުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެމްއެންޕީގެ ގެސްޓްހައުސް ސިޔާސަތުގެ ތެރެއިން ގެސްޓްހައުސް ގާއިމުކުރުމާއި ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް ހިދުމަތް ހިންގުމަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އިގްތިސޯދީ މި ހަރަކާތްތަކުން ޖުމްލަ 1000 ވަޒީފާ އުފެދިގެންދާނެކަމަށް އެމްއެންޕީ ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355