ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށައަޅުއްވައިފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22 ގެ ހަވީރު 16:00ގެ ނިޔަލަށް ހަމަވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
ދަ ޑިމޮކްރެޓްސްގެ މައި އޮފީހުގައި އިލްޔާސް ފޯމު ހުށަހެޅުއްވީ މިއަދު މެންދުރު 1:00 ގަ އެވެ. ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަގުސަދުތައް ހާސިލްކޮށް ޕާޓީގެ ހުރިހާ މެންބަރުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް ކަމަށެވެ.
"މިކަމުގައި އަޅުގަނޑާ އެކުގައި މަސައްކަތް ކުރައްވާ ރައީސް މުހައްމަދު ނަޝީދާއި އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ޕާޓީގެ އިސް ބޭފުޅުންނާއި، ޕާޓީގެ މެންބަރުންގެ ވިސްނުމާ ފިކުރާ އެކުގަ އަޅުގަނޑު ކުރިއަށްދާނީ" އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރުންނަށް ވުމަށް އެދި ޕާޓީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
އެގޮތުން ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓަށް، މިއަދު ހަވީރު 4:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން މިއަދު ވަނީ ހުޅުވާލާފައެވެ.
އިލްޔާސް ވިދާޅުވީ މި އިންތިހާބު ކާމިޔާބުކޮށް ސަރުކާރު ބަދަލުކުރުމަށް ދިވެހި ރައްޔިތުންގެ ތާއީދު އޭނާ ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޑިމޮކްރެޓްސް އަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީ މިމަހު 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ.
އިލްޔާސް ލަބީބަކީ ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލުން މި ވަގުތަށް ބައެއް ކޮމިޓީތައް އެކުލަވާލިއިރު އެ ޕާޓީގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަން ހަވާލުކުރި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން ދާދި ފަހުން އެއްބަސްވެފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.