ކުޅުދުއްފުށީ އެއާޕޯޓް އުތުރުން އޮންނަ ބިން ސިޓީ ކައުންސިލަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައިދިނުމަށް ތަކުރާރުކޮށް ސަރުކާރު އެދިފައިވީނަމަވެސް މިހާތަނަށް އައިރުވެސް އެކަމަށް އަލިމަގެއް ފެނިފައިނުވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ އުތުރުން ގާތްގަނޑަށް 10 ހެކްޓަރު ބިމެއް އޮވެ އެވެ. ރަންވޭ ހުރަސްކޮށްފައި ނޫން ގޮތަކަށް އެ ސަރަހައްދަށް ދެވޭނެ ގޮތެއް ނޯވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވާހަކަދެކެވިފައި އޮތީ އެސަރަހައްދަށް ވަނުމަށްޓަކާ ރަންވޭގެ އިރުމަތި ކޮޅުން ހިއްކައިގެން އެތަނުން މަގެއް ހެދުމަށެވެ.
އެހެންނަމަވެސް ވެރިކަން ބަދަލުވުމުން އެވާހަކަތައް ހުއްޓުނެވެ. ފަހުން އެކަމާ ގުޅޭ މައުލޫމާތެއް ކަމާ ގުޅުން ހުރި އިދާރާއަކުން ހާމަކޮށްފައެއްނުވެ އެވެ.
ރައްޔިތުންނާ ބައްދަލުކޮށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެއާޕޯޓް އުތުރުގައި އޮތް ބިން ސިޓީ ކައުންސިލަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އެތަން ބޭނުންކުރެވެން އަންނަނީ އެ ސަރަހައްދަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންނެވެ.
ރަށާވީ ފަރާތުން މަގެއް ހަދައިގެން އެ ސަރަހައްދަށް ދެވޭނެ ފުރުސަތު ސިވިލް އޭވިއޭޝަނުން ނުދޭކަމުގައިވާނަމަ އުތުރު ފަރާތުގައި ކުޑަ ފަޅެއް ހަދައިގެންވިޔަސް އެތަން ސިޓީ ކައުންސިލަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. އޭރު ސިޓީ ކައުންސިލަށް އެތަނުގައި ޕިކްނިކް އައިލެންޑެއް ވިޔަސް ތަރައްގީކުރެވޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.
އެކަމަކު މިއަދާ ހަމައަށް އައިރުވެސް ސަރުކާރުން އެކަމުގައި އަލިމަގެއް ދައްކާފައިނުވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.