މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވުމުން، އެ އިންތިހާބު ކާމިޔާބުކުރަން ވަރަށް ބޮޑަށް ފަސޭހަވެއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު އިއްޔެ 2:00 އަށް ހަމަވިއިރު 8 ކެންޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރެވެ.
ކުޑަހުވަދޫގައި ރޭ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މިއަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ބޭފުޅުން ކުރިމަތިލި އިންތިހާބު ކަމަށްވީ ނަމަވެސް އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"އަށް ކެންޑިޑޭޓުން ކުރިމަތިލީ ފުރަތަމަ ފަހަރު. 2008 ގައި ހަ ކެންޑިޑޭޓުން، އޭގެ ފަހުން މިހާ ގިނަ ކެންޑިޑޭޓުން ކުރިމައްޗެއް ނުލާ، ކުރިއަށް ވުރެ މާ ބޮޑު ތަނުން ފަސޭހަވެއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން،" ރައީސް ވިދާޅުވި އެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރަށްރަށަށް ވަޑައިގެންނެވިއިރު، ރަށްރަށުން އެދެމުން އައި ކަންކަން ފުރިހަމަކޮށްދެއްވާފައިވާ ކަމަށެވެ. އެކަމަކު، މަދު ކަންތައްތަކެއް އަދިވެސް ފުރިހަމަ ނުވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭރު ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެންނެވި އިރު، އިވިވަޑައިގެންނެވި އެންމެ ބޮޑު ޝަކުވާއަކީ އަސާސީ ހިދުމަތްތައް ނުލިބުމުގެ ޝަކުވާއެވެ.