twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މޭޔަރުގެ ރައްދު: ރައްޔިތުންގެ އުންމީދުތައް ހާސިލުކުރަން ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯނާނެކަމަށް

އަބްދުލް ވާހިދު ޙަސަން
Aug 16, 2023
5

ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނޭ އެއްވެސް އޮޅިއެއް، ނޫފުލާނޭ އެއްވެސް ތަކުލީފެއް ނޯނާނެކަމަށް ވިދާޅުވެ އެމްޑީޕީއާ އަލުން ގުޅެން ނިންމި، ނިންމުން މޭޔަރު މުހައްމަދު އާތިފް ދިފާއު ކުރައްވައިފި އެވެ.

އެމްޑީޕީ ދެ ބައިވެ އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވިތާ ތިންމަސްވެސް ނުވަނީސް އަލުން އެމްޑީޕީއަށް ރޭ މޭޔަރު އާތިފް ވަނީ ސޮއިކުރައްވާފަ އެވެ. އޭނާއާއެކު އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފާއި ހަތަރު ކައުންސިލަރުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ޔާސިރަށާއި ކައުންސިލަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންނެވީ ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވައިގެންކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަށް ރައްދުދެއްވައި މިއަދު މޭޔަރު ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަސާސެއްނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިކަމުގައިވީނަމަވެސް، ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނޭ އެއްވެސް އޮޅިއެއް ނޯނާނެ ކަމަށެވެ.

"މަދު ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވީކަމުގައި ވީނަމަވެސް، އަސާސެއްނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިކަމުގައި ވީނަމަވެސް، ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް އަޅުގަނޑުމެން ގިރާނުކުރާނޭ އެއްވެސް އޮޅިއެއް، ނޫފުލާނޭ އެއްވެސް ތަކުލީފެއް، ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަގީންކަން ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް އަރުވަން." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މިމަސައްކަތަށް ނުކުތީ ހިތްވަރުގަދަ ޓީމަކާއެކު ފިސާރި ކެރިގެން ކަމަށާއި ކުޅުދުއްފުށީގެ މުހިންމު މަޝްރޫތައް އެކަށީގެންވާ ސްޕީޑްގައި ނުހިނގާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކާ ކަމަށެވެ. އަދި އެ މަސައްކަތުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

"ރަށުގެ ކުރިއެރުމަށް އަޅުގަނޑުމެންނާއެކު މި މަސައްކަތުގައި ބައިވެރިވަމުންގެންދަވާ އެންމެ ބޭފުޅުންނަށް ފައްފަށުން ޝުކުރު އަދާކުރަން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ މި މަސައްކަތުގެ ނަތީޖާ ހަމަ ރައީސް ސޯލިހާއެކު ރައްޔިތުންނަށް ފެންނާންފަށާނެ."

މޭޔަރު އާތިފް ޑިމޮކްރެޓިސް ގުޅިވަޑައިގެންނެވީ، ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ސްޕީޑް ލަސްވުމުންނެވެ. އަދި މީގެ އިތުރުން މުހިންމު މަޝްރޫއުތަށް ކުރިއަށް ނުދާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355