ޑިމޮކްރެޓްސް ޕާޓީގެ ސަރުކާރެއްގެ ކެބިނެޓްގެ ހަތަރު ގޮނޑި ބޮޑު ތިލަދުންމައްޗަށް ހާއްސަކުރާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިލްޔާސް ލަބީބާއި ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ބުދަ ދުވަހު އެވެ. ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ފެއްޓެވި މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އިއްޔެ އާއި ރޭ ވަނީ ޑޯޓްޑޯ ކުރިއަށްގެންގޮސްފަ އެވެ.
މިއަދު ހެނދުނު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އިލްޔާސް ލަބީބް ވިދާޅުވީ، ޑިމޮކްރެޓުންގެ ސަރުކާރެއްގެ ހުރިހާ ސްޓޭޖެއްގައިވެސް ބޮޑު ތިލަދުންމަތީގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.
"އެގޮތުން ވަޒީރުންގެ މަޖިލީހުގައި މި ބޮޑު ތިލަދުންމަތީގެ ހަތަރު މަގާމް، ހަތަރު ކެބިނެޓް މިނިސްޓަރުން ތިބުން އެއީ މިސަރަހައްދުގެ ތަރައްގީއަށް ވަރަށް މުހިންމުކަމެއް. އެގޮތަށް މިހާރު ވާނީ އަޅުގަނޑުމެން ނިންމާފަ."
ޑިމޮކްރެޓުންގެ ސަރުކާރެއްގައި ކުޅުދުއްފުށީގެ ބައިވެރިވުމަކީ އިންތިހާއަށް މުހިންމުކަމެއް ކަމަށާއި އެހެންވުމުން އޭގެ ތެރެއިން ދެ މަގާމެއް ކުޅުދުއްފުއްޓަށް ރިޒާވްކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިލައްވާކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މިސަރަހައްދުގެ ތަރައްގީއަށް އެ ބޭފުޅުންގެ ވިސްނުމާއި ބައިވެރިވުމާ އަމަލީ ގޮތުން އެކަން ކުރަން އެންމެ އިސް ސަފުގައި ތިބުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކެން." ކުޅުދުއްފުށީގައި ހުންނަވައިގެން އިލްޔާސް ވިދާޅުވި އެވެ.
"އެގޮތަށް ސަރުކާރު ބައްޓަންކުރާނެކަމުގެ ޔަގީންކަން މި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް އަޅުގަނޑުމެން އަރުވަން."
ބޮޑު ތިލަދުންމައްޗަށް އިލްޔާސް ފެއްޓެވި މިދަތުރުފުޅުގައި މިއަދު ހދ އާއި ހއ ގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.