twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޑަބްލިއުޑީސީ ނެޓްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Aug 22, 2023

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގެ އަންހެނުންނަށް ބާއްވާ ނެޓްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއްޖެ އެވެ. މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރުމަހު އެވެ.

ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް)، އަފީފުއްދީން އެސްއާރުސީ، ކުޅުދުއްފުށީ ޔޫތް އެން ރިކްރިއޭޝަން ކުލަބުން (ކޭވައިއާރުސީ)، ކޭވައިއާރުސީ އެކަޑެމީ، ފައިވް، ޔުނިކް ފުރެޑްސް، ކުލަބް ކޭއާރުއެޗްގެ އިތުރުން، މަންތާ ޖޫނިއަރ އަދި ޓީމް މަންތާ އެވެ.

ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވާ، ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހޯދައިދިނުމާއި ރަށުގެ ކަނބަލުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ރަށުފެންވަރުގައި ނެޓްބޯޅައިގައި ވާދަކުރާނެ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެ ކޮމެޓީން، ބާއްވާ މި މުބާރާތުގައި 16 އަހަރުން މަތީގެ ކުޅުދުއްފުށީގެ ކޮންމެ ފަރާތަކަށްވެސް ކުޅެވޭނެ އެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅުދުއްފުށީގެ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކުޅުދުއްފުށީގެ އަންހެނެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން އަދި އުމުރުން އެންމެ ދޮށީކުޅުންތެރިޔާ ހޮވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355