ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިންގެ ކުލި މާފު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ރަށެއްގެ ކޮންމެ ބިމެއް ވިޔަސް ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެ ބިންތައް ރައްޔިތުންނަށް ދިނުމާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ނަމަވެސް، ބޯހިޔާވަހިކަން ދިނުމުގައި އިންސާފުވެރި އުސޫލެއް ގެންގުޅެން ޖެހޭ ކަމަށެވެ.
"އެހެން ކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަމެވެ." ގާސިމް ވިދާޅުވެ އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އަޅުގަނޑު ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ )… pic.twitter.com/OZmdQLkRXw
— Qasim Ibrahim (@qasimibrahim) August 31, 2023
އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގު ބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު އެ ބިންތަކުގައި ހަދާފައިވާ ފްލެޓްތަކުން 20-25 އަހަރަށް 2.5 މިލިއަން ރުފިޔާ ރައްޔިތުން ދައްކަން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
"ދިވެހި ދައުލަތުގައި އޮތް އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްގުން އެއްބައި ރައްޔިތުން މަހުރޫމުވެފައި އަދި ހަމަ އެ ބިމުގައި އިމާރާތް ކޮށްފައިވާ އިޖުތިމާއީ ބޯ ހިޔާވަހިކަމުގެ ކުދިކުދި ފްލެޓް ތަކުން 20-25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮން ކަހަލަ ހަމަ އަކުން، ކޮން ކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ،" ގާސިމްގެ ޓުވީޓުގައި ވިދާޅުވި އެވެ.
ފްލެޓްތައް ހިލޭ ދޭން ގާސިމް ވައުދުވެވަޑައިގެންނެވި އިރު، މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް ހައުސިން ފްލެޓްތަކަށް ފައިސާ ނުދައްކަ އެވެ. ފައިސާ ނުދެއްކި ނަމަވެސް، މިހާތަނަށް އެ މީހުންނާ މެދު އެއްވެސް ސަރުކާރަކުން ފިޔަވަޅެއް ނާޅަ އެވެ.
ބޯހިޔާވަހިކަމަށް ބޭނުންވެ ސޯޝަލް ހައުސިންއަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ޕޮއިންޓް ދޭނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކަމަށް ވެސް ގާސިމްގެ މެނިފެސްޓޯގައި ބުނެ އެވެ.