ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ އިންތިހާބާ ދިމާކޮށް ބޭނުންކުރާ އެމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރުވެގެންދިޔައިރު މިސަރަހައްދުގައި އެންމެ ރިސޯޓެއް ހުޅުވިފައިވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.
ކުރީގެ ސަރުކާރުތަކުން މިސަރަހައްދު ހަނދާން ނައްތާލީ އަޅުވެރިކަމުގައި ބައިތިއްބަން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރަށެއްގައި ފަޅެއް ކޮނެލިޔަސް، ޖަނަރޭޓަރެއް ގެނަޔަސް އެކަން ކުރަމުން ކުރިން ދިޔައީ އިންތިހާބުގައި ބޭނުންކުރާ އެމެއްގެ ގޮތުގައި ކަމަށާއި އެމްޑީޕީން މަސައްކަތް ކުރީ އެހެން ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
މިސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، އިންތިހާބުތަކަށްވުރެ ކުރިން ރަށްރަށުގައި މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންގޮސް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ މިދެންނެވިހެން އެކަކުވެސް ބާކީނުކޮށް އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުން. ދިވެހިރާއްޖެ ތަރައްގީ ކުރެވޭނީ އެގޮތަށް ލާމަރުކަޒީކޮށްގެން ބާރުތައް ދޫކޮށްލަން އެބަ ޖެހޭ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި ފަރާތްތަކަށް އެ ފުރުސަތު ދޭން އެބަ ޖެހޭ. ހަރަދުކުޑަކޮށް ގާތުންވެސް ހިދުމަތް ދެވޭނީ ވެސް އެގޮތަށް." ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދައުރުގައިވެސް ސަރުކާރުގެ އަމާޒަކީ އެކަކުވެސް ބާކީނުކޮށް އަދި އެއްވެސް ރަށެއްވެސް ބާކީނުކޮށް ކުރިއަށްދިޔުން ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއްކަމަށް ނުދެކޭކަމަށް ރައީސް ވިދާޅުވި އެވެ.