ރައީސް ވަޑައިގަންނަވާތަނަށް ދިޔުމަށް 1000 ރުފިޔާ އާއި 500 ރުފިޔާ އަދި ކުއްޖަކަށް 200 ރުފިޔާ ހުށަހަޅާފައިވާކަމަށް އެކަން އެނގޭ މީހުން ބުނޭ
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ކެމްޕެއިން ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންވާއިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ މީހުން ނެރެން ރުފިޔާ ހުށައަޅަމުން އެބަދެ އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީގެ ޖަގަހަތަކުގައި އުޅޭ މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ރައީސް މިއަދު ހަވީރު ރަށަށް ވަޑައިގަންނަވާއިރު މީހުން ގިނަ ކުރަން ރުފިޔާ ބަހާ ވާހަކައަކީ ހަގީގަތެއް ކަމަށެވެ.
އެގޮތުން އެ މީހުން ބުނީ، ބޮޑު މީހެއް ނަމަ 500 ރުފިޔާ ދޭއިރު ކުޑަކުއްޖެއްނަމަ 200 ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތަށް އެ ރުފިޔާ ލިބުނު މީހުންވެސް ކޭއޯއަށް މައުލޫމާތުދީފައިވެ އެވެ. މީގެ އިތުރުން ރުފިޔާ ލިބުނު އެހެން ދެ މީހަކު ބުނީ، އެ މީހުންނަށް ރައީސް ވަޑައިގަންވާތަނަށް ދިޔުމަށް ލިބުނީ 1000 ރުފިޔާ ކަމަށެވެ.
އެމްޑީޕީގެ ޖަގަހަތަކުގައި އުޅޭ އެކި މީހުންނާ ހަވާލުކޮށްގެން މިކަން ކުރާއިރު ކޮންމެ މީހަކުވެސް އެ މީހަކަށް ވީވަރަކަށް މީހުން ހޯދައި ރައީސް ވަޑައިގަންނަވާ ތަނަށް ގޮސް ވަކި ބަޔަކަށް ރިޕޯޓްކުރަން ޖެހެ އެވެ. ރުފިޔާ ލިބޭނީ އޭރުން ކަމަށް މީހުން ބުންޏެވެ.
"ބައެެއް މީހުންނަށް ކުރިންވެސް އެބަ ރުފިޔާ ދޭ. އަސްލު ހަދަން ޖެހޭ ގޮތަކީ ބަނދަރަށް ގޮސް ރައީސްއާއެކު ފޮޓޯ ނަގާލައި ސެލްފީ ނަގަން ޖެހެނީ. ނޫނީ މިކޮޅުގައި މައި ޖަގަހާގައި އިސްކޮށް އުޅޭ މީހަކަށް ފެނިލަން ޖެހޭނީ. އޭރުން ރުފިޔާ ލިބޭނީ." އެކަމުގައި އިސްކޮށް އުޅޭ މީހަކު ކޭއަށް މައުލޫމާތު ދެމުން ބުންޏެވެ.
ބައެއް ފަރާތްތަކުން ބުނީ، މިއީ އެމްޑީޕީގެ ކެންޑިޑޭޓަކު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ މީހުން ގިނަ ކުރަން ރުފިޔާ ބަހާ ފުރަތަމަ ފަހަރު ކަމަށެވެ. ރައީސް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ.