twitterviber whatsapp telegramfacebookyoutube instagram
22nd May 2024

އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކުނބުރުދޫ ތަރައްގީކޮށް ކުޅުދުއްފުއްޓަށް ހާއްސަކުރާނަން

އަބްދުލް ވާހިދު ޙަސަން
Sep 4, 2023
3

އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހދ ކުނބުރުދޫ ތަރައްގީކޮށް، ކުޅުދުއްފުށީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެރަށް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުޅުދުއްފުށީ ކައިރިގައި އޮތް މިހާރު ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުނބުރުދޫ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، ކުނބުރުދޫގައި ސްޓޯރޭޖާއި ބޯޓް ބިލްޑިންގ އަދި ޕެކޭޖިންގ ފެސިލިޓީ ފެށުމަށް ތަރައްގީކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދެވަނަ ދައުރެއްގައި ކުޅުދުއްފުށީ އިތުރަށް ބޮޑުކުރެވެން އޮތީ ކިހާވަރަކަށް ތޯ ބަލައި ރަށް ހިއްކެއް އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދީ، ގޮނޑުދޮށް ހިމާޔާތްކޮށް ނިންމައިދޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ރެކްރިއޭޝަނަލް ޒޯނެއް އަޅައި، ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ލޯކަލް، ކޮމާޝިއަލް ހާބަރެއް ގާއިމުކޮށްދެއްވާނެކަމަށެވެ. އޭގެ ސަބަބުން ކުޅުދުއްފުއްޓަށް އެކި ރަށްރަށުން ވިޔަފާރިކަމު، މުދާ ހިފައިގެން އަންނަ ފަރާތްތަކަށް ފަސޭހައިން ވަކިން ހިދުމަތްތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް މިސަރަހައްދުގައި ޔޮޓް މެރީނާއެއް ކްރޫޒް ލައިނާއަށް ހިދުމަތް ދޭ ގޮތަށް ކުޅުދުއްފުށީގައި ތަރައްގީކޮށްދޭނެ ކަމަށާއި އަދި އެއާޕޯޓް އުތުރަށް އޮތް ބިމަށް އެކްސެސް ރޯޑެއް ހަދައި ކޮންވެންސަން ސެންޓަރެއް ތަރައްގީކުރާނެކަމަށްވެސް ރައީސް ވައުދުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހޯދައި ތަރައްގީކުރާނެ ކަމަށާއި އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވަމުންދާއިރު ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ވަކި ހާއްސަ ފައިނޭންސިއަލް ޕެކޭޖެއް މިސަރަހައްދަށް ގާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355