ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން 35 ޕަސަންޓް އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުހައްޒަފުންނަށް މިއަހަރުގެ މޭ ފުރަތަމަ ދުވަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު މީގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.
އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލް މުވައްޒަފުންނަށް ވެސް އެ އެލަވަންސް ލިބޭނެކަމަށް ސަރުކާރުން ބުންޏެވެ.
މި ގެނެވުނު ބަދަލާއެކު ސިވިލް ސާވަންޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާ ދެމެދު އޮންނަ ފަރަގު ނައްތައިލެވޭނެކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މީގެ ކުރިން ރައީސް ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ކައުންސިލަރުންގެ ފަރާތުން ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
އެ މަޝްވަރާތަކުގައި އެ މަނިކުފާނުވަނީ އެ ކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.