twitterviber whatsapp telegramfacebookyoutube instagram
9th May 2024

ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Sep 30, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އިރު އެވެ. ހަވީރު 5 ޖެހުމާއެކު ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވެ ވޯޓު ފޮށިތައް މިހާރު ދަނީ ބަންދު ކުރަމުންނެވެ.

ވަގުތު ހަމަވެ ކިއު ބަންދު ކުރި އިރު ކިއުގައި ތިބި މީހުންނަށް ވޯޓުލެވޭނެ އެވެ. ވޯޓުލުމަށް އިތުރަށް ވަގުތު ނުދޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ. ވޯޓު ގުނަން ހަމަޖެހިފައިވަނީ ފޮށި ބަންދުކުރާތާ ގާތްގަނޑަށް 30 މިނެޓް ފަހުންނެވެ.

ދެވަނަ ބުރުގެ ވޯޓުލުމަށް ވަގުތު ހަމަވި އިރު އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 78.3 ޕަސަންޓު މީހުން ވަނީ ހަވީރު 4:00 އާ ހަމައަށް ވޯޓުލާފަ އެވެ. އެއީ ޖުމްލަ 221،496 މީހުންނެވެ. އޭގެ ތެރޭގައި ވޯޓުލާފައިވަނީ 111،273 އަންހެނުންނާއި، 110،223 ފިރިހެނުންނެވެ

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282,804 އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355