ފާއިތުވި ފަސް އަހަރު ދުވަހު، ހެޔޮ ވެރިކަމެއް ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ގޮތެއް ނިންމާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އާ ބޭފުޅަކު ރައްޔިތުން ވަނީ އިންތިހާބުކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފާއިތުވި ފަސް އަހަރު އެ މަނިކުފާނު މަސައްކަތް ކޮށްދެއްވީ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި އެކަން ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އެ ކަމާ ދޭތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގައި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރުވާނެ ގޮތް ބައްލަވައިގެން ނޫން ކަމަށާއި ގައުމީ ތަރައްގީއަށް އެންމެ މުހިއްމުވާނެ ކަންކަމަށް ފޯކަސް ކުރައްވައިގެން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވޯޓު ނުލިބޭނެކަން ރަނގަޅަށް އެނގިހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވޯޓު މީހުން ދެނީ ކީއް ކޮށްގެން ކަން. ރަށްރަށުގެ ތަރައްގީއަށް މިކުރާ ކަންކަމާ މާ ބޮޑު ގުޅުމެއް އޮތް ކަމެއް ނޫން. އެކަން އަޅުގަނޑުމެންނަށް އެނގިހުރެ އެކަން ކުރީ ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންތިހާބީ ސަރުކާރުގެ ކިބައިން ދެ ކަމަކަށް އެދިލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންނަ ސަރުކާރުގެ ކިބައިން އެދެނީ، ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ގައުމީ ތަރައްގީއަށް މި ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންގޮސްދެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ލިބިލައްވާފައި ހުންނެވި ތަޖުރިބާއާއި އިލްމެއްގެ އަލީގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ.